ލީކް ކޮށްލި އުތުރު ތިލަފަޅުގެ އެއްބަސްވުމުގެ ޑްރާފްޓް ފޮތެއްގެ ސިފައިގައި، ދިވެހި ނެޝަނަލް އެކްޝަން (ޑީއެންއޭ) އިން ނެރެން ނިންމައިފިއެވެ.
'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން ޑީއެންއޭ ލީޑް ކުރައްވާ އަދި ކުރީގެ ހޯމް މިނިސްޓްަރު އުމަރު ނަސީރު ވިދާޅުވީ، ލީކް ކޮށްލި އުތުރު ތިލަފަޅުގެ ޑްރާފްޓް ފޮތެއްގެ ސިފައިގައި ނެރެން ނިނމާފައިވާ ކަމަށާއި އެއީ އެ ޑްރާފްޓުގެ ދިވެހި ތަރުޖަމާއެއް ކަމަށެވެ. އަންނަ ހަފްތާގައި އެ ފޮތް ނެރެން ނިންމާފައިވާ ކަމަށާއި އަދި ވަރަށް އަވަަހަށް ސީދާ ތާރީހް އިއުލާން ކުރައްވާނެ ކަމަށް ވެސް އުމަރު ވިދާޅުވިއެވެ.
އުތުރު ތިލަފަޅުގައި ބަނދަރަކާއި ޑޮކްޔާޑެއް ތަރައްގީ ކުރަން ރާއްޖޭން އިންޑިއާއާ އެކު ސޮއި ކުރި އެއްބަސްމުގެ ޑްރާފްޓެއް ކަމަށް ވިދާޅުވެ އުމަރު ނަސީރު ވަނީ ލިޔެކިޔުންތަކެއް ލީކް ކޮށްލައްވާފައެވެ. އެ ޑްރާފްޓް ކަމަށް ބުނާ ލިޔުމުގައި ބަޔާން ކުރާގޮތުން އިންޑިއާ ސިފައިން 30 އަހަރު ވަންދެން ރާއްޖޭގައި ބޭތިއްބުމަށް ޝަރުތު ކޮށްފައި ވާއިރު، އެއްބަސްވުމުގައި ސޮއި ކުރާ ދުވަހުން ފެށިގެން 30 އަހަރު ވަންދެން އެއްބަސްވުން ދެމި އޮންނާނެއެވެ. އޭގެ އިތުރުން އެ އެއްބަސްވުމުގެ މުއްދަތު ހަމަވުމުން އަނެއްކާ އިތުރު 30 އަހަރު އިންޑިއާ ސިފައިން ބޭނުން ނަމަ 2 ގައުމު އެއްބަސްވެ، ރާއްޖޭގައި ތިބެވޭ ގޮތައް އެއްބަސްވުމުގައި ބަޔާން ކުރެއެވެ.
ނަމަވެސް އެ ޑޮކިއުމެންޓަކާ ހަވާލާދީ ފެތެރެމުން ދިޔަ ވާހަކަތައް ރާއްޖޭގެ ދިފާއީ ބާރުން ވަނީ ދޮގު ކޮށްފައެވެ. އެ ލިޔުމަކީ އެއްވެސް އަސްލެއް އޮތް ލިޔުމެއް ނޫން ކަމަށާއި އަދި އެއީ ޑްރާފްޓެއް ކަމަށް ވެސް ގަބޫލު ނުކުރައްވާ ކަމަށް ޗީފް އޮފް ސްޓާފް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ވަނީ ވިދާޅުވެފައެވެ.
އެމްއެންޑީއެފުން މިހެން ބުނެފައި ވާއިރު އުމަރު ވަނީ އެއީ ދޮގު މައުލޫމާތެއް ނޫން ކަމަށާއި އިންޑިއާއިން ފުރަތަމަ ފޮނުވި ޑޮކިއުމެންޓް ކަމަށް ވިދާޅުވެފައެވެ. އަދި އެއީ ސޮއި ކުރި ފައިނަލް ޑޮމިއުމެންޓަށް ނުވާނަމަ، ސޮއިކުރި އެގްރީމަންޓް ދައްކަން އުމަރު ވަނީ އެދިވަޑައިގެންފައެވެ.