ދިވެހި މަސްކަނޑުގެ ވަޒީފާތައް ބިދޭސީންނަށް ހުޅުވާލުމަކީ ގައުމަށް ގެއްލުންހުރި ކަމެއް ކަމަށް މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެއެވެ.

އޭނާ ވިދާޅުވީ އެފަދަ ނިންމުމެއް ނިންމާފައި ވަނީ މަސް ދޯނީގައި “ކައްކާ ފޮޅާސާފުކުރާ ވަޒީފާ” ތަކަށްދާން ޝައުގުވެރިވާ ދިވެހިން ތިބިތޯ ވެސް ނުބަލައި އަދި މިކަމަށް ދިވެހިން ތަމްރީނުކުރުމެއް ވެސް ނެތި ކަމަށެވެ. އެގޮތުން ދިވެހި މަސްކަނޑުގެ ވަޒީފާތައް ބިދޭސީންނަށް ހުޅުވާލުމަކީ “މަަސް ވުޒާރާގެ” ޒިންމާދާރުކަން ކުޑަ ގައުމަށް ގެއްލުންހުރި ނިންމުމެއް ކަމަށް ބޮންޑޭ ވިދާޅުވިއެވެ.

ބޮންޑޭ އެ މޭރުމުން ވާހަކަ ދައްކަވާފައި ވަނީ މަސްވެރިކަން ކުރާ އުޅަނދުތަކުގައި ބިދޭސިން ގެންގުޅުމުގެ ހުއްދަ ދޭން ފިޝަރީޒް މިނިސްޓްރީން އިއްޔެ ނިންމުމާ ގުޅިގެންނެވެ.

މަސްދޯނީގައި "ކައްކާ ފޮޅާސާފުކުރާ ވަޒީފާ" ތަކަށްދާން ޝައުގުވެރިވާ ދިވެހިން ތިބިތޯ ބެލުމެއްނެތި އަދި މިކަމަށް ދިވެހިން ތަމްރީނުކުރުމެއް ވެސް ނެތި ދިވެހި މަސްކަނޑުގެ ވަޒީފާތައް ބިދޭސީންނަށް ހުޅުވާލުމަކީ "މަަސް ވުޒާރާގެ" ޒިންމާދާރުކަން ކުޑަ ގައުމަށް ގެއްލުންހުރި ނިންމުމެކެވެ.
ބޮންޑޭ

އެގޮތުން މަސްވެރިކަންކުރާ އުޅަނދުފަހަރުގައި ހަރަކާތްތެރިވުމަށް ބިދޭސީންނަށް ހުއްދަ ދިނުމަށް ހަމަޖެހިފައިވަނީ ކައްކާއެއް ނުވަތަ ދޯނި ފޮޅާ ސާފުކުރާ ނުވަތަ ބަލަހައްޓާ ފަރާތަކަށެވެ. އަދި ބިދޭސީން ހަރަކާތްތެރިވުމަށް ހުއްދަދިނުމަށް ހަމަޖެހިފައިވަނީ، ހަމައެކަނި އެކްސްޕޯޓްކުރުމަށް ނުވަތަ އެކްސްޕޯޓްކުރާ ފަރާތަކަށް ވިއްކުމަށް މަސްވެރިކަންކުރުމުގެ ލައިސަންސް ނަގައިގެން ދޮށީގެ ނުވަތަ ބޮޑުކަންނެލީގެ މަސްވެރިކަމުގައި ހަރަކާތްތެރިވާ އުޅަނދު ފަހަރަށެވެ.