ފަރުވާއެއް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ނުރައްކާ ބޮޑުވެ، އާ ވޭރިއަންޓް ފެތުރެމުން ދިއުމުގެ ނުރައްކަލާއެކު، އެ ގައުމުތަކަކުން އިނގިރޭސިވިލާތަށް ދަތުރު ކުރުން މަނާ ކޮށްފައި ވާ ގައުމުތަކުގެ "ރަތް ލިސްޓު" ގައި، އަވަށްޓެރި އިންޑިއާގެ ނަން ހިމަނައިފިއެވެ.
އިނގިރޭސިވިލާތަށް އެތެރެވުން މަނާ ކުރާ "ރަތް ލިސްޓު"ގައި އިންޑިއާ ހިމަނާފައި ވާއިރު، މިކަން ތަންފީޒު ކުރަން ފަށާނީ އޭޕްރިލް 23، 2021 ގައި ކަމަށް މައުލުމާތު ލިބެއެވެ. އަދި އެ ދުވަހުގެ ކުރިއަށް ހިނގި 10 ދުވަހުގެ ތެރޭގައި އިންޑިއާއަށް ދަތުރު ކޮށްފައި ވާ ގިނަ ބަޔަކަށް، އިނގިރޭސިވިލާތަށް އެތެރެ ނުވެވޭނެ ކަމަށް ބެލެވެއެވެ.
އިނގިރޭސިވިލާތުގެ ހެލްތު ސެކްރެޓަރީ މެޓް ހެންކޮކް ވިދާޅުވީ، އިންޑިއާ ވޭރިއަންޓާ ގުޅޭ 103 ކޭހެއް އިނގިރޭސިވިލާތުން ފާހަގަ ކުރެވިފައި ވާ ކަމަށެވެ.
އިނގިރޭސިވިލާތުގެ ހައުސް އޮފް ކޮމަންސްގައި ތަގުރީރު ކުރައްވަމުން ހެންކޮކް ވިދާޅުވީ، "ރަތް ލިސްޓު"ގައި އިންޑިއާ ހަމެނުމުގެ އުނދަގޫ ނިންމުން ނިންމާފައި ވަނީ، އިންޑިއާ ވޭރިއަންޓާ ގުޅިގެން ހަދަން ޖެހޭ ދިރާސާތައް ހެދުމަށް ފަހު، ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން ކަމަށެވެ.
ކަން މިހެން އޮތް އިރު، މީގެ 4 މަހެއްހާ ދުވަސް ކުރިން، އިނގިރޭސިވިލާތުން އާ ވޭރިއަންޓް ފެނުމާއެކު، އިންޑިއާއިންވެސް ވަނީ އިނގިރޭސިވިލާތުގެ ދަތުރުތައް ހުއްޓާލާފައެވެ.
އިނގިރޭސިވިލާތަށް ދަތުރު ކުރުން މަނާ "ރަތް ލިސްޓު" ގައި، މި އޭޕްރިލް މަހުން ފަށައިގެން ބަންގްލަދޭޝްއާ ޕާކިސްތާނުވެސް ހިމަނާފައި ވާއިރު، މި ގައުމުތަކުން ދަތުރު ކުރާ މީހުންނަށް ހަފުތާއެއްހާ ދުވަހުގެ ނޯޓިސް، އިނގިރޭސިވިލާތުން ދިނެވެ. ނަމަވެސް އިންޑިއާ ވޭރިއަންޓާ ގުޅިގެން ދީފައި މިވަނީ އެންމެ 3 ދުވަހުގެ މުހުލަތެއް ކަންވެސް ފާހަގަ ކުރަންޖެހެއެވެ.
ރެކޯޑް އަދަދުތަކުން ކޮވިޑް ކޭސްތައް ރިޕޯޓް ކުރަމުން އަންނަ އިންޑިއާއިން ކުރާ ދަތުރުތައް ހުއްޓުވުމަށް ގައުމުތަކުން ފިޔަވަޅުތަކެއް އަޅަމުން ދާއިރު، ނިއުޒީލަންޑްއިންވެސް ވަނީ އިންޑިއާއިން އަންނަ ފްލައިޓްތައް ވަގުތީ ގޮތުން މަޑުޖައްސާލަން އަންގާފައެވެ.