ދިރާސީ އާ އަހަރު ފަށާނީ އޯގަސްޓް 10 ވަނަ ދުވަހު ކަން އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިއަދު އާންމު ކުރި 2022-2021 ގެ އެކަޑެމިކް ކަލަންޑަރު ބުނާ ގޮތުގައި ފުރަތަމަ ޓާމުގެ ކިޔެވުން ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ އޯގަސްޓް މަހުގެ ދިހަ ވަނަ ދުވަހުއެވެ. ފުރަތަމަ ޓާމުގައި ޖުމްލަ 88 ދުވަހު ކިޔަވައިދޭ ގޮތަށް ހަމަޖެހިފައި ވާއިރު ފުރަތަމަ ޓާމް ނިމޭނީ އަންނަ ޑިސެމްބަރު މަހުގެ 23 ވަނަ ދުވަހުއެވެ.

ފުރަތަމަ ޓާމްގެ މިޑްޓާމް ޗުއްޓީ ވާނީ އޮކްޓޯބަރު 17 އިން އޮކްޓޯބަރު 21 އަށެވެ. އަދި ފުރަތަމަ ޓާމުގެ ޗުއްޓީ ވާނީ ޑިސެމްބަރު މަހުގެ 26 އިން އަންނަ އަހަރުގެ ޖެނުއަރީ 13 އަށެވެ.

2022-2021 ގެ ދިރާސީ އަހަރުގެ ދެވަނަ ޓާމުގެ ކިޔެވުން ކުރިއަށް ދާނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 16 އިން އެ އަހަރުގެ ޖޫން 30 އަށް ކަމަށް އެޑިއުކޭޝަނުން ނެރުނު އެކަޑެމިކް ކަލަންޑަރުން ދައްކައެވެ. އެހެންކަމުން ދެވަނަ ޓާމްގައި ކިޔަވައި ދިނުމަށް ހަމަޖެހިފައި ވަނީ 111 ދުވަހެވެ. ހަމައެއާއެކު ދެވަނަ ޓާމްގެ މިޑްޓާމް ޗުއްޓީ ވާނީ އޭޕްރީލް 3 އިން، އޭޕްރީލް 7 ވަނަ ދުވަހަށެވެ.

ފުރަތަމަ ޓަމްގެ 88 ދުވަހާއި ދެވނަތާމްގެ 111 ދުވަހާ އެކު މުޅި ދިރާސީ އަހަރު ކުދިންނަށް ކިޔަވައި ދިނުމަށް ހަމަޖެހިފައި ވަނީ 200 ދުވަހެވެ.

ދިރާސީ އަހަރަށް ގެނައި ބަދަލާ އެކު އޭލެވެލް އަދި އޯލެވެލް އިމްތިހާނު ދެން އޮންނާނީ މެއި/ޖޫން ގައެވެ.