މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ އެތެރޭގެ އިންތިހާބު އަންނަ މަހު ބޭއްވުމަށް ހަމަޖައްސައިފިއެވެ.

އެ ޕާޓީން ކުރި އިއުލާނެއްގައި ބުނީ ޕާޓީގެ ދާއިރާތަކުގެ ހިންގާ ކޮމިޓީތަކާއި ޕްރޮވިންސްތަކަށް މެންބަރުން ހޮވުމަށް ބާއްވާ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައި ވަނީ މެއި 29، 2021 ވާ ހޮނިހިރު ދުވަހު ކަމަަަށެވެ.

އެ އިންތިހާބުގައި ވޯޓުލުމަށް ހަމަޖެހިފައި ވަނީ ދާއިރާތަކުގައި ހިމެނޭ އެ ޕާޓީގެ އާންމު މެންބަރުންނެވެ. އެގޮތުން އެ އިންތިހާބުގައި ވޯޓުލެވޭނީ މިއަދާ ހަމައަށް އެ ޕާޓީގެ މެންބަރުންގެ ގޮތުގައި ހިމެނިފައިވާ ފަރާތްތަކަށެވެ.

އަދި މިއަދުގެ މެންދުރު 2:00 އިން ފެށިގެން މެއި 29، 2021 ގެ ނިޔަލަށް ޕާޓީން މެމްބަރޝިޕް ފޯމު ބަލައިގަތުން ވަނީ ވަގުތީ ގޮތުން ހުއްޓާލާފައެވެ.

އެމްޑީޕީން އެންމެ ފަހުން އިންތިހާބު ކޮށްފައި ވާ ގައުމީ މަޖިލީހުގައި 140 އަށް ވުރެ ގިނަ މެންބަރުން ހިމެނެއެވެ. އެ މެންބަރުން އިންތިހާބު ކޮށްފައި ވަނީ 2016 ވަނަ އަހަރެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހަކީ ޕާޓީގެ އެންމެ މުހިންމު ނިންމުންތައް ނިންމުމުގައި މަޝްވަރާ ކުރާ މަޖިލީހެވެ.