މާލޭ ގައި ދާދި ފަހުން ހިނގި ރޭޕް ކޭސް ވެސް އެފަރާތަކަށް ސޮއްސާލައިގެން ދާނީ ރޭޕްގެ ޝިކާރައަކަށް ވީ އަންހެން މީހާ ގޯސް ކުރަމުން ކަމަށް ކުރީގެ ޖެންޑާ މިނިސްޓަރު އަނީސާ އަހުމަދު ވިދާޅުވެއްޖެއެވެ.

އަނީސާ މިހެން ވިދާޅުވީ މިދިޔަ ހުކުރު ދުވަހުގެ ރޭ މާލޭގައި އަންހެނަކު ރޭޕް ކުރި ކަމަށް ތުހުމަތު ކުރާ މައްސަލައާ ގުޅިގެންނެވެ. އޭނާ ވިދާޅުވީ، މި ކޭސް ވެސް ދެން އެއްފަރާތަކަށް ސޮއްސާލައިގެން ދާނެ ކަމަށާއި އަދި މިކަމުގައި ކުށްވެރި ވާނީ އަންހެން މީހާ ކަމަށެވެ. އަންހެން މީހާ ކުށްވެރި ވާނީ ފިރިހެނުންގެ "އެދުންވެރިކަމުގެ ވިސްނުން" ހޭލައްވާލުމަށް މަސައްކަތްކޮށް އެ އަންހެންމީހާ ލައިގެން ހުރި ހެދުމާއި ރޭގަނޑުގެ ވަގުތެއްގައި އެކަނި މަގުމައްޗަށް ނުކުތުން ކަމަށް އަނީސާ ވިދާޅުވިއެވެ.

މި ރޭޕް ކޭސްއާ ގުޅިގެން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަނބަލުން އަދި ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވީ، ރޯދަ މަހެއްގައި ހިނގި މި ރޭޕް ކޭސް އިން ދޭހަވެގެން ދަނީ މި ގައުމު ފެއިލްވެފައި ވާ ކަންކަމަށެވެ. ރޯދަ މަހެއްގައި މިސްކިތެއް ކުރިމަތިން ހިނގާފައި ދިޔަ އަންހެނަކު ބަޔަކު ބިރެއް ނެތި ރޭޕް ކުރި އިރު އެ މަގަކީ މަގު ބައްތި ދިއްލާފައި ހުރި އަލި މަގެއް ކަމަށާއި މަގުމަތި ޕެޓްރޯލް ކުރަން ފުލުހުން ތިބި ވަގުތެއް ކަމަށް ދުންޔާ ވިދާޅުވިއެވެ. އަދި މިއީ މިގައުމުގައި އަންހެނުންނަށް އޮތް ގޮތަށް ވެގެން ނުވާނެ ކަމަށް ވެސް ދުންޔާ ވިދާޅުވިއެވެ.

މާލޭގައި މި ހާދިސާ ހިނގާފައި ވަނީ، މި މަހުގެ 16 ވަނަ ދުވަހުގެ ރޭ 7:45 ހާއިރުއެވެ. އުމުރުން 18 އަހަރުގެ އަންހެނަކު މާލޭގެ މާފަންނު ގައި ހުންނަ ލެމަން ގްރާސް ކުރިމަތިން ހިނގާފައި ދިޔައީ އިޑު މިސްކިތުގައި ތަރާވީހަށް މީހުން ތިބި ވަގުތެއްގައެވެ.

އުމުރުން 18 އަހަރާއި 23 އަހަރުގެ ފިރިހެނަކު އައިސް އޭނާ އުފުލާލައިގެން އެހިސާބު ކައިރީ ހުރި ގެއަކަށް އެ އަންހެން މީހާ ވައްދަން މަސައްކަތް ކުރިއިރު އީދު މިސްކިތަށް ތަރާވީހަށް އެރި މީހުން މަގުމަތީގައި ތިބީ ސަފު ހަދައިގެންނެވެ. އަދި އެވަގުތު ތަރާވީހަށް މީހުން އަރާ ވަގުތެއް ކަމުން އެ ސަރަހައްދުގައި މަގުމަތި ޕެޓްރޯލް ކުރަން އުޅޭ ފުލުހުން ވެސް އުޅޭ ކަމަށް މީހުން ބުނެއެވެ.

މި މައްސަލަ ފުލުހުންނަށް ރިޕޯޓް ކޮށްފައި ވަނީ އެރޭ 8:10 ހާއިރު ކަމަށް ފުލުހުން ބުނެއެވެ. އަދި ރޭޕްގެ ތުހުމަތު ކުރެވޭ ދެ ފިރިހެނުން ވެސް ފުލުހުން ވަނީ ހައްޔަރު ކޮށްފައެވެ.