ހުޅުމާލޭ މަގުބައްތި ރަނގަޅު ކުރުމަށް ކުރަމުންދާ މަސައްކަތް ކުރިއަށް އޮތް 3 ދުވަސްތެރޭ ހައްލުކޮށް ދޭނެ ކަމަށް ހައުސިން ޑީވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.

އެޗްޑީސީން ބުނީ، ހުޅުމާލޭ ފޭސް 1 ގައި އާންމުކޮށް ބޭނުން ކުރާ ގިނަ މަގުތަކެއް އަނދިރިވެ މަގު މަތީގައި ޖަހާފައި ހުންނަ މަގުބައްތި މަދުވުމަކީ އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނާއި އެކި ބޭނުންތަކަށް ހުޅުމާލެ ޒިޔާރަތް ކުރާ މީހުން އަބަދުވެސް ޝަކުވާ ހުށަހަޅާ ކަންބޮޑުވުން ފާޅުކުރަމުން އަންނަ މަސައްލައެއް ކަމަށެވެ. ގިނަ ދުވަސްތަކަކަށް ފަހު މި މައްސަލައަށް ހައްލެއް ހޯދައި ދިނުމުގެ ގޮތުން ސްޓްރީޓް ލައިޓް މާސްޓާ ޕްލޭން އެއް އެކުލަވާލައި، ހުޅޫމާލެ ފޭސް 1 ގައި މިހާރު މައްސަލަ ޖެހިފައިވާ މަގު ބައްތިތަކާއި އަނދިރި މަގުތަކާއި ސަރަހައްދުތަކުގައި މައްސަލަ ޖެހިފައި ހުރި މަގު ބައްތުތައް ބަދަލު ކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުން ކަމަށް އެޗްޑިށީން ބުނެއެވެ.

14 ސަރަހައްދެއްގައި ހުރި މައްސަލަ ޖެހިފައިވާ މަގު ބައްތިތައް ބަދަލުކުރަމުންދާ އިރު ކަނޑައެޅިފައިވާ ހަމަތަކަށް ފެތޭހެން އައު މަގު ބައްތި ހަރުކުރުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ. މި މަސައްކަތް ކުރިއަށް ދާ އިރު އެ 14 ޒޯނުގައި ހުރި ބައެއް މަގުބައްތިތައް ނިއްވާލައިގެން މަސައްކަތް ކުރަން ޖެހުމާއި، މިހާރު ހަރުކުރެވިފައި ހުރިބައެއް މަގުބައްތިތައް މަރާމާތު ކުރުމުގައި ބައްތިތައް ނިއްވާލަން ޖެހޭ ކަމަށް އެ ފަރާތުން ބުނެއެވެ.

މި ކަމުން ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނާއި ހުޅުމާލޭ އެކި ބޭނުންތަކަށް ޒިޔާރަތް ކުރާ ފަރާތްތަކަށް ކުރިމަތިވާނެ ދަތިތަކަށް ނިހާޔަތަށް މައާފަށް އެދޭ ކަމަށް ވެސް އެޗްޑީސީން ބުނެއެވެ. އަދި ހުޅުމާލޭގައި ހިންގޭ މިފަދަ މަޝްރޫތައް ހިންގުމުގައި އަބަދުވެސް ރައްޔިތުންގެ ފަރާތުން ލިބިގެންދާ އެއްބާރުލުމަށް ޝުކުރު ދަންނަވާ ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.

މި ޕްރޮޖެކްޓަކީ ޖުމްލަ 1330 މަގުބައްތި ހަރުކުރުމަށް ހަމަޖެހިފައިވާ ޕްރޮޖެކްޓެކެވެ. ޖޫން މަހު ނިޔަކަށް ނިންމާނެ ކަމަށް ބުނެފައިވާ މި ޕްރޮޖެކްޓްގެ 14 ޒޯންގެ ތެރެއިން މިހާރު މަސައްކަތް ކުރަމުން ދަނީ 3 ޒޯނެއްގައެވެ.