އިންޓަނެޓުގެ އަގު ހެޔޮ ކުރީ ސަރުކާރުން ނޫން ކަމަށް ކޮމިއުނިކޭޝަންސް މިނިސްޓްރީއާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި، އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

ފައްޔާޒު ވިދާޅުވީ، ސަރުކާރުގެ މަސައްކަތަކާ ނުލާ މިހާރު އިންޓަނެޓްގެ އަގު ކޮންމެވެސް ވަރަކަށް ހެޔޮ ވެފައި ވާ ކަމަށެވެ. ނަމަވެސް، އެއީ ކުޑަ މިންވަރެއް ކަމަށް އޭނާ ސިފަ ކުރެއްވިއެވެ.

އޭނާ ވިދާޅުވީ އިންޓަނެޓް މައްސަލައަށް އޮތް ހައްލަކީ، "ފެއާ ޔޫސޭޖް ޕޮލިސީ" އަށް ރަނގަޅު ބަދަލުތަކެއް ގެނައުން ކަމަށެވެ. އަދި އެކަމަށް މަސައްކަތް ކުރަމުން ދާއިރު، ރެގިއުލޭޓަރީ ބަދަލުތަކެއް ވެސް ކުރިއަށް އޮތް ދުވަސްތަކުގައި ގެންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ފައްޔާޒު މިހެން ވިދާޅުވެފައި ވަނީ، އިންޓަނެޓްގެ އަގު މިހާރު ހުރީ ރައްޔިތުންގެ އަތްފޯރާފަށުގައި ކަމަށް ކޮމިއުނިކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ސޯލިހް ވިދާޅުވެފައި ވަނިކޮށެވެ. އަލީ ސޯލިހް ވިދާޅުވީ ރާއްޖޭގައި އިންޓަނެޓްގެ އަގުތައް ހުރީ އެހެން ގައުމުތަކާ އަޅާ ބަލާއިރު ހެޔޮކޮށް ކަމަށެވެ. އޭނާ ވިދާޅުވީ މިހާރު ފަސް ރުފިޔާ އަށް ޖީބީއެއް ލިބެން އެބަހުރި ކަމަށެވެ.

އިންޓަނެޓްގެ އަގާ ބެހޭގޮތުން އަލީ ސޯލިހް ދެއްކެވި ވާހަކަތަކަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައި ވާކަން ފާހަގަ ކޮށްލެވެއެވެ.