ޓެރަރިޒަމްގެގެ ތުހުމަތުގައި ދޫނިދޫގައި ބަންދުގައި ހުރި ތ. ތިމަރަފުށި، އަސްރަފީވިލާ، އަހްސަން މުހައްމަދު ގޮޅިއަށް ވެއްދުމުގައި ބާރުގެ ބޭނުން ކުރިތޯ ބަލަން ފަށައިފިއެވެ.
މިކަމާ ގުޅިގެން ފުލުހުން ބުނީ، އަހްސަން ޖަލު ގޮޅިއަށް ވެއްދުމުގައި ފުލުހުން ބާރު ބޭނުން ކޮށްފައި ވާ ގޮތާ މެދު އާއިލާއިން ޝަކުވާއެއް ހުށަހަޅާފައިވާ ކަމަށެވެ. އެކަމާ ގުޅިގެން ފުލުހުން ވަނީ ކަން ހިނގައި ދިޔަ ގޮތް ސާފުކޮށް ދީފައެވެ.
ފުލުހުން ބުނީ، ޓެރަރިޒަމްގެ ތުހުމަތުގައި ދޫނިދޫ ކަސްޓޯޑިއަލްގައި ބަންދުގައި ހުރި އަހްސަން މުހައްމަދު، ގޮޅީގައި ހަރުކޮށްފައި ހުރި ކެމެރާއަށް ނުފެންނަ ގޮތް ހެދުމަށް އެކި އެއްޗެހި ބޭނުންކޮށް ތަކުރާރުކޮށް ކެމެރާ ބްލައިންޑް ކޮށްފައި ވާ ކަމަށެވެ. އެހެމްކަމުން، މިމަހު 11 ވަނަ ދުވަހުގެ ރޭ 8:00 ހާއިރު، އޭނާ ގޮޅިން ބޭރަށް ނެރެފައި ވާ ކަމަށެވެ.
އަދި އެއަށްފަހު ކެމެރާގައި އުނގުޅާފައި ހުރި ދަތްއުނގުޅާ ބޭސް ސާފުކޮށް، ކެމެރާ ބްލައިންޑް ކުރުމަށް ބޭނުން ކުރާ ތަކެތި ގޮޅިން ނެރެ، އަލުން ގޮޅިއަށް ވަނުމަށް އޭނާއަށް އެނގި ކަމަށް ފުލުހުން ބުނެއެވެ. ނަމަވެސް، ގޮޅިއަށް ވަނުމަށް ތަކުރާރުކޮށް ނަސޭހަތްތެރި ވުމުން ވެސް އެކަމަށް އަހްސަން ދެކޮޅު ހަދައި، އެވަގުތު އެތަނުގައި ތިބި ފުލުހުންނަށް ތަފާތު އިންޒާރުތައް ދީފައިވާ ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ، ސުލްހަވެރިކަމާއެކު ގޮޅިއަށް ވަނުމަށް ތަކުރާރުކޮށް އަހްސަނަށް ނަސޭހަތްތެރި ވެފައި ވާ ކަމަށެވެ. ނަމަވެސް އެކަމަށް އިންކާރުކޮށް، އަހްސަން ގޮޅިއަށް ވެއްދުމަށް މަސައްކަތް ކުރި ފުލުހުންނަށް ނުކިޔަމަންތެރިކަން ދައްކައި ފުލުހުން ގައިގައި ޖަހައި މާރާމާރީ ހިންގި ކަމަށް ފުލުހުން ބުނެއެވެ. އަދި ނުކިޔަމަންތެރިކަން ދެއްކުމުން، ޕެޕާ ސްޕްރޭ ބޭނުންކޮށް އަހުސަން ޖަލު ސަރަހައްދުން ނެރެ ބިޑިއަޅުވާފައި ވާ ކަމަށެވެ. އެއަށްފަހު، އެފަދަ ކަންކަން އިތުރަށް ތަކުރާރު ނުކުރުމަށް އޭނާއަށް ނަސޭހަތްތެރިވެ، އެރޭގެ ފަހުގެ ވަގުތެއްގައި އޭނާ ގޮޅިއަށް ވައްދާފައި ވާ ކަމަށް ފުލުހުން ބުނެއެވެ.
މިކަން ކުރުމުގައި ފުލުހުން އަމަލުކޮށްފައި ވަނީ ގާނުނާއި ގަވާއިދާ އެއްގޮތަށް ތޯ އާއި އަދި ފުލުހުންގެ ތެރޭގައި ހެދިފައިވާ އުސޫލްތަކުގެ ތެރެއިން ތޯ މމިހާރު ދަނީ ބަލަމުންނެވެ. އެކަން ބަލަނީ ޕްރޮފެޝަނަލް ސްޓެންޑާޑްސް ކޮމާންޑުން އަދި ޔޫސް އޮފް ފޯސް ރިވުއު ކޮމިޓީންނެވެ. އަދި މިގޮތުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ފުލުހުން އަމަލުކޮށްފައި ވަނީ ހަމަޖެހިފައިވާ އިޖުރާތުތަކާއި ހިލާފަށް ކަމަށްވާ ނަމަ އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ފުލުހުން ބުނެއެވެ.