ކޮވިޑް-19 އަށް ޕޮޒިޓިވް ކޭސްއެއް ފެނި، ތ. މަޑިފުށި މޮނިޓަރިން އަށް ލައިފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މައުލޫމާތު ދޭ ގޮތުގައި، މަޑިފުށި މޮނިޓަރިންގެ ހާލަތަށް ލާފައި ވަނީ މޮނިޓަރިންގެ ހާލަތުގައި އޮތް ތ. ވޭމަންޑޫއަށް އެރަށަށް ދަތުރު ކުރި މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވުމާ ގުޅިގެންނެވެ.

މަޑިފުށި މޮނިޓަރިންއަށް ލާފައި ވާއިރު، ތާ އަތޮޅުގެ 6 ރަށެއް މިވަގުތު ވެސް މޮނިޓަރިންގެ ހާލަތުގައި އޮތް ކަން ފާހަގަ ކޮށްލެވެއެވެ. އެއީ ތ. ވިލުފުށި، ތ. ވޭމަންޑޫ، ތ. ކިނބިދޫ، ތ. އޮމަދޫ، ތ. ގާދިއްފުށީގެ އިތުރުން ތ. މަޑިފުށިއެވެ.

ތ އަތޮޅުގެ ގިނަ ރަށްތަކެއް މޮނިޓަރިން އަށް ލާފައި ވަނީ އެ އަތޮޅުގައި ކޮވިޑް-19 ފެތުރެމުން ދިއުމާ ގުޅިގެން ކަމަށް ބެލެވެއެވެ. އެގޮތުން، މާޗް 15 ވަނަ ދުވަހުގެ ފަހުން ތ. ވޭމަންޑޫގައި އުޅުމަށް ފަހު އަތޮޅުތެރޭގެ އެއްވެސް ރަށަކަށް ގޮސްފައިވާ ފަރާތެއް ވާ ނަމަ، ވީ އެންމެ އަވަހަކަށް އެރަށެއްގެ ހޮސްޕިޓަލް/ހެލްތް ސެންޓަރަށް އަންގާ ޓެސްޓު ހެއްދުމަށް މިދިޔަ ހަފްތާ ތެރޭގައި އެޗްޕީއޭއިން ވަނީ އަންގާފައެވެ.

އަދި މާޗް 15 ގެ ފަހުން ތ. ވޭމަންޑުއަށް ގޮސްފައިވާ ފަރާތެއްވާ ނަމަ، ތ. ވޭމަންޑޫން އަނބުރާ ރަށަށް އައި ދުވަހުން ފެށިގެން 10 ދުވަސް ވަންދެން ކަރަންޓީނުގައި ތިބުމަށް ވެސް އެޗްޕީއޭއިން އަންގާފައި ވެއެވެ.