އދގެ އާންމު މަޖިލިސް (ޔޫއެންޖީއޭ) ގެ ރިޔާސަތު ކާމިޔާބު ކުރުމަށް ދިވެހިރާއްޖޭން ކެންޑިޑަސީ ހުށަހެޅި ހުށަހެޅުމަށް އިންޑިއާއިން ތާއީދު ކުރުމަކީ ޝަރަފެއް ކަމަށާ، ރިޔާސަތު ކާމިޔާބު ވާނެ ކަމުގެ ސާބިތުކަން އެބައޮތް ކަމަށް، ދިވެހިރާއްޖޭގެ ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އެއް ދުވަހުގެ މުއްދަތަށް އިންޑިއާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރެއްގައި، އިންޑިއާގެ ދުވަހު ނޫހެއް ކަމަށްވާ ވިއޯންއަށް ދެއްވި އެކްސްކްލޫސިވް އިންޓަވިއުއެއްގައި ޝާހިދު ވިދާޅުވީ، ކުރީ ސަރުކާރުން ފޭބިއިރު ރާއްޖެ އޮތީ ކޮމަންވެލްތުވެސް ދޫކޮށްލާފައި ކަމަށާ، ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖެ އޮތީ ހަވާސާ ވެފައި ކަމަށެވެ.

ގައުމުގެ އެންމެ އިސްވެރިޔާގެ މަގާމާ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ހަވާލުވެވަޑައިގަތީ ބައިނަލްއަގުވާމީ މުޖުތަމައާ ރާއްޖޭގެ ގުޅުން އަލުން އިޔާދަ ކުރެއްވުމުގެ ވައުދުފުޅާ އެކުގައި ކަމަށެވެ. މި ރޫހުގައި ރައިސް ސޯލިހު ނިންމެވި އެންމެ ފުރަތަމަ އެއް ނިންމެވުމަކީ އދގެ 76 ވަނަ އާންމު ޖަލްސާގެ ރިޔާސަތު، ދިވެހިރާއްޖޭން ކަށަވަރު ކުރުން ކަމަށެވެ. ރާއްޖޭގެ ފަރާތުން ނިކުންނަވާނެ ކެންޑިޑޭޓަކަށް އޭނާގެ ނަން ރައީސް ހަމަޖެއްސެވި ކަމީ ލިބިވަޑައިގެންނެވި ޝަރަފެއް ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.

މި މޭރުމުން ވާހަކަ ކުރިއަށް ގެންދަވަމުން ޝާހިދު ވިދާޅުވީ، ބޭރުގެ ގިނަ ގައުމުތަކަކާއެކު މަސައްކަތް ކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގެންނެވި ކަމަށާ، ގިނަ އަދަދެއްގެ މަންދޫބުންނާ، ހާރިޖީ ވަޒީރުންނާ ސަފީރުންނާވެސް ބައްދަލު ކުރައްވާފައި ވާނެ ކަމަށެވެ. ރައީސް ސޯލިހުގެ ވެރިކަމުގައި، ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖެއަށް އޮތް މަގާމު އުފުލެމުން އަންނަ ކަމަށްވެސް ޝާހިދު ވަނީ ސިފަކުރައްވާފައެވެ.

އދގެ އާންމު މަޖިލީހުގެ ރިޔާސަތަކަށް ބޭފުޅަކު އިންތިހާބު ކުރުމަށް އޮންނަ އުސޫލުގެ ދަށުން، ކުރިއަށް އޮތް 76 ވަނަ ޖަލްސާގެ ރިޔާސަތަށް އިސްކުރެވޭނީ އޭޝިއާ-ޕެސިފިކް ގައުމުތަކުން ކުރެ ގައުމެއްގެ ކެންޑިޑޭޓެވެ. މިއަހަރުގެ ސެޕްޓެމްބަރު މަހު ފަށާ އދގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސް ހޮވުމަށް އޮންނަ އިންތިހާބު ކުރިއަށްދާނީ، ޖޫން 7، 2021 ވަނަ ދުވަހުއެވެ.