ކޮވިޑް-19އަށް ޖަހަމުންދާ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްގެން ކަރަންޓީނުނުވެ ދަތުރުކުރެވޭގޮތުގެ އުސޫލު ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާންމު ކޮށްފިއެވެ.

އެޗްޕީއޭން ބުނީ އާބާދީގެ 60 ޕަސެންޓް މީހުންނަށް ކޮވިޑްގެ ވެކްސިންގެ ދެ ޑޯޒް ހަމަވެފައިވާނަމަ، އެ ރަށަކަށް ކަރަންޓީނުވުމަކާ ނުލައި ދަތުރުކުރެވޭނެ ކަމަށާއި އާބާދީގެ 60 ޕަސެންޓް މީހުންނަށް ވެކްސިން ފުރިހަމަކޮށްފައި ނުވާ ރަށްރަށަށް، ވެކްސިންގެ ދެ ޑޯޒް ޖެހުމަށްފަހު ދެ ހަފުތާވެފައިވާ ފަރާތްތަކަށް ކަރަންޓީނުވުމަކާ ނުލައި މިހާރު ދަތުރު ކުރެވޭނެ ކަމަށެވެ.

ކަރަންޓީނުވުމާ ނުލާ ދަތުރު ކުރުމަށް ހުއްދަ ދިނުމުގައި އަމަލު ކުރާނެ އުސޫލުގައި ބުނެފައި ވަނީ ރަށެއްގައި ބަލި އުޅޭ ނިސްބަތް، ފަސް އިންސައްތަ އަށްވުރެ މަތި ރަށަކުން އެ ނޫން ރަށަކަށް ދަތުރުކުރާނަމަ ޕީސީއާރު ނެގެޓިވް ޓެސްޓެއް އޮންނަން ޖެހޭނެ ކަމަށެވެ. އަދި ވެކްސިން ޖެހުމަށް ޝަރުތު ހަމަނުވާ ކުޑަ ކުއްޖެއް ދަތުރުކުރަން ޖެހޭނަމަ، ޕީސީއާރު ނެގެޓިވް ޓެސްޓާއެކު ދަތުރު ކުރެވޭނެ ކަމަށް އެޗްޕީއޭން ބުނެއެވެ.

މީގެ އިތުރުން ދީފައިވާ ލުޔަކީ ފަތުރުވެރީން ހިމެނޭ ގޮތަށް، ވެކްސިންގެ ދެ ޑޯޒު ފުރިހަމަކޮށް ދެ ހަފުތާ ވެފައިވާނަމަ، ރާއްޖެއަށް ދަތުރުކުރާއިރު ނެގެޓިވް ޕީސީއާރު ޓެސްޓް އޮންނަން ނުޖެހުމާއި، ކަރަންޓީނުވާން ނުޖެހުމެވެ. ނަމަވެސް، ސިއްހީ ހިދުމަތްދޭ އެއްވެސް މަރުކަޒެއްގައި މަސައްކަތްކުރާ ފަރާތްތަކާއި ޑޭކެއާ ސެންޓަރުތަކުގައި މަސައްކަތް ކުރާ ފަރާތްތަކާއި ސްކޫލުތަކުގައި މަސައްކަތްކުރާ ފަރާތްތައް އަދި، ރެސިޑެންޝަލް ކެއާގެ ހިދުމަތްދޭ ތަނެއްގައި މަސައްކަތްކުރާ ފަރާތްތައް އެ ކަމުގައި އިސްތިސްނާ ވެއެވެ.

އެމީހުންނަށް ރާއްޖެއަށް ދަތުރު ކުރެވޭނީ ނެގެޓިވް ޕީސީއާރް ޓެސްޓުގެ ނަތީޖާއާއެކުއެވެ.

ކޮވިޑް-19 ވެކްސިންގެ ދެވަނަ ޑޯޒްއާއެކު ބޮޑު ލުޔެއް ދޭން ނިންމާފައި ވާއިރު، އިއްޔެގެ ނިޔަލަށް 274،782 މީހަކު ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަ ކޮށްފައެވެ. އަދި 28،970 މީހަކު ވަނީ ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަ ކޮށްފައެވެ.