ރަސްމީ ދަތުރެއްގައި، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އިންޑިއާއަށް ފުރައި ވަޑާއިގަތުމަށް ހަމަޖެހިއްޖެއެވެ.

ފޮރިމިން މިނިސްޓްރީން ބުނީ، މިނިސްޓަރު ޝާހިދުގެ މިދަތުރަކީ އެއްދުވަހުގެ ދަތުރެއް ކަމަށެވެ. އަދި މިނިސްޓަރު ޝާހިދުގެ މިދަތުރުގައި އިންޑިއާގެ މިނިސްޓާ އޮފް އެކްސްޓާނަލް އެފެއާޒް ޑރ. އެސް ޖައިޝަންކަރްއާ ބައްދަލު ކުރައްވަން ހަމަޖެހިފައި ވާ ކަމަށެވެ.

ޖައިޝަންކަރްއާ ބައްދަލު ކުރައްވާ މަޝްވަރާ ކުރައްވާނީ ބައިލޭޓަރަލް އަދި މަލްޓިލޭޓަރަލް ކަންކަމާ ބެހޭ ގޮތުން ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ. އެ މިނިސްޓްރީން ބުނީ މި ދަތުރަކީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކޮށް، އިންޑިއާ ސަރުކާރުގެ އެހީގައި ރާއްޖޭގައި ކުރިއަށް ގެންދާ މަޝްރޫއުތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވުމަށް ކުރައްވާ ދަތުރެއް ކަމަށެވެ.

ރާއްޖެއާ އިންޑިއާއަކީ، ޒަމާނުއްސުރެ ގާތް އެކުވެރިކަމެއް އޮންނަ ދެ ގައުމެވެ. ވަކިން ހާއްސަ ކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން އިންޑިއާއާއެކު އޮންނަ ގުޅުން ބޮޑުތަނުން ބަދަހި ވެފައި ވާކަން ފާހަގަ ކޮށްލެވެއެވެ.

އިންޑިއާގެ އެހީގެ ދަށުން ރާއްޖޭގައި ވަނީ ގިނަ އަދަދެއްގެ މަޝްރޫއުތަކެއް ހިންގާފައެވެ. އަދި މިހާރު ވެސް ގިނަ މަޝްރޫއުތަކެއް ހިންގަމުން ދާ ކަން ފާހަގަ ކޮށްލެވެއެވެ.