މިއަދު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވް ވީ 58 މީހުން ކަމަށް އެޗްޕީއޭއިން ބުނެފިއެވެ.

ވޭތުވެ ދިޔަ 24 ގަޑިއިރުގެ އަދަދުތައް ހާމަ ކުރަމުން އެޗްޕީއޭ އިން ބުނީ މިއަދު ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވް ވި 36 މީހަކާއި، ހިންގަމުން ދާ ރިސޯޓުތަކުން 11 މީހަކާއި މީހުން ދިރިއުޅޭ ރަށްރަށުން ޕޮޒިޓިވްވި 11 މީހެއް ކަމަށެވެ.

މިއަދުގެ ކޮވިޑް އަޕްޑޭޓު:

  • މިއަދު ޕޮޒިޓިވްވި އަދަދު: 58
  • ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައިވާ މީހުންގެ އަދަދު: 62
  • ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު: 25،759
  • ކޮވިޑް އެކްޓިވް ކޭސް: 2،702
  • ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު 22،981
  • ކޮވިޑް މަރުގެ ޖުމްލަ އަދަދު: 67

ވޭތުވެ ދިޔަ 24 ގަޑި އިރުގެ ތެރޭގައި 2،645 ސާމްޕަލެއް ވަނީ ޓެސްޓް ކޮށްފައެވެ. އެޗްޕީއޭއިން ރެންޑަމް ސާމްޕަލް ނެގުން މިހާރުވެސް ކުރިއަށް ގެންދާ އިރު، މާލޭއާއި އަތޮޅުތަކުން ޕޮޒިޓިވް ކޭސްތައް ފެންނަ ނިސްބަތް މިހާރު ވަނީ ދަށަށް ދާން ފަށާފައެވެ.

އަދި މިހާރު އެޗްޕީއޭއިން ގެންދަނީ ކޮވިޑުން ރައްކާތެރިވުމަށް ޖަހަމުން ގެންދާ ވެކްސިންވެސް ޖަހަމުންނެވެ. ރަމަޟޯން މަހުގެ ފުރަތަމަ ދުވަސް ކަމަށް ވުމާއެކު މިއަދު ވެކްސިން ޖެހުމުގެ ހިދުމަތް މެދުކަނޑާލި ނަމަވެސް މާދަމާ ރެއިން ފެށިގެން ވެކްސިން ޖަހަމުން ގެންދާނެއެވެ. ވެކްސިން ޖަހާ ގަޑިއަކީ ރޭގަނޑު 9 އިން 11 އަށެވެ.

މާދަމާ ރޭ ވެކްސިން ޖަހައިދޭނީ ހުސްވި ފެބްރުއަރީ މަހުގެ 1 އިން 17 އާ ދެމެދު ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންނަށެވެ. މީގެ އިތުރުން މީގެ 8 ހަފްތާ ކުރިން ފުރަތަމަ ޑޯޒް ޖެހި މީހުންނާއި، ރާއްޖެއިން ބޭރަށް ދަތުރު ކުރަން ޖެހޭ މީހުންގެ ތެރެއިން ފުރަތަމަ ޑޯޒް ޖެހިތާ 4 ހަފްތާ ވެފައިވާ މީހުންނަށެވެ. މި މީހުން ވެކްސިން ޖަހަން ދާއިރު، ދަތުރު ކުރުމަށް ހަމަޖެހިފައިވާ ކަން އެނގޭނެ ލިޔުން ގެންދަން ޖެހެއެވެ.