ރާއްޖެއިން އިތުރު 84 މީހަކު ކޮވިޑް-19އަށް ޕޮޒިޓިވް ވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭ އިން ބުނީ މިއަދު ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވް ވި 32 މީހަކާއި، ހިންގަމުން ދާ ރިސޯޓަކުން 13 މީހަކާއި މީހުން ދިރިއުޅޭ ރަށްރަށުން ޕޮޒިޓިވްވި 37 މީހުން ކަމަށެވެ.

މިއަދުގެ ކޮވިޑް އަޕްޑޭޓު:

މިއަދު ޕޮޒިޓިވްވި އަދަދު: 84

ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައިވާ މީހުންގެ އަދަދު: 64

ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު: 25،701

ކޮވިޑް އެކްޓިވް ކޭސް: 2829

ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު 22،796

ކޮވިޑް މަރުގެ ޖުމްލަ އަދަދު: 67

ފާއިތުވި މަސް ތެރޭގައި ރަށްރަށުން ފެންނަ ކޮވިޑް ކޭސްތައް ބޮޑުތަނުން އިތުރު ވެފައި ވާ ކަން އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކައެވެ. އަތޮޅުތެރޭގެ ބައެއް ރަށްތަކުން ރެންޑަމް ސާމްޕަލްތައް ވެސް ދަނީ ޕޮޒިޓިވް ވަމުންނެވެ. އެގޮތުން، ބައެއް ރަށްރަށުން މީހަކު ޕޮޒިޓިވް ކަން އެނގޭއިރު، ރަށުގައި ބަލި ފެތުރި، ރަށުގެ ގިނަ ބަޔަކަށް ބަލި ޖެހިފައި ވެސް އެބަ ހުއްޓެވެ. ބައެއް ފަހަރު އެ ކޭސްތަކަކީ ކަރަންޓީނު ވާ މީހުންނާ ގުޅުން ހުރި ކޭސްތަކަށް ވެސް ވެއެވެ.

ކޮވިޑްގެ މި ހާލަތުގައި މާލެ ސަރަހައްދުގައި ރައްކާތެރި ކަމަށް އެޅި ފިޔަވަޅުތަކަށް އެޗްޕީއޭއިން ވަނީ ލުއި ދީފައެވެ. އެގޮތުން ކެފޭ/ރެސްޓޯރަންޓްތައް ހުޅުވާފައި ބެހެއްޓޭ ވަގުތު އިތުރުކޮށް ވެހިކަލް މަނާ ވަގުތު ވަނީ އުވާލާފައެވެ. އަދި މިހާރު ސުކޫލުތައް ވެސް ވަނީ ފަށާފައެވެ. އަދި މިމަހު އެއް ވަނަ ދުވަހު ވަނީ ކާފިއު އުވާލާ ގިނަ ލުއިތަކެއް ދީފައެވެ. އެޗްޕީއޭއިން މީގެ ކުރިން ވެސް ބުނެފައި ވަނީ ރޯދައަށް ވަރަށް ގިނަ ލުއިތަކެއް ދޭން މަސައްކަތް ކުރާނެ ކަމަށެވެ.