އަތޮޅުތެރޭގެ ރަށްތަކުގައި ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ މީހުންގެ އަދަދު 983 އަށް އަރައިފިއެވެ.

އެޗްޕީގޭ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިވަގުތު ޖުމްލަ 76 ރަށެއްގައި ކޮވިޑް އެކްޓިވް ކޭސްތައް އެބަ އުޅެއެވެ. އެ ރަށްތަކުން ޖުމްލަ 701 ދިވެހިން އަދި 282 ބިދޭސީންނަށް ވަނީ ކޮވިޑް ޖެހިފައެވެ. އެއީ ޖުމްލަ 983 މީހުންނެވެ. ހަމައެއާއެކު 10 ރަށެއް ވަނީ މޮނިޓަރުންގެ ހާލަތުގައެވެ.

ގިނަ ކޭސްތައް ފެނިފައި ވާ ރަށްތައް:

  • ޅ. ހިންނަވަރު (1 ފުރަބަންދު، 21 ކޮންޓެކްޓުން، 2 ފްލޫ، 2 ރެންޑަމް)
  • ޅ. ނައިފަރު (3 ފުރަބަންދު، 220 ކޮންޓެކްޓުން، 1 ފްލޫ، 24 ރެންޑަމް)
  • ޅ. ފެލިވަރު (150 ރެންޑަމް، 110 ކޮންޓެކްޓުން)
  • ކ. ދިއްފުށި (103 ކޮންޓެކްޓުން، 3ޑިޕާޗާ، 4 ރެންޑަމް)
  • ކ. ހުރާ (4 ފުރަބަންދު، 88 ކޮންޓެކްޓުން، 7 ޑިޕާޗާ، 15 ކެންޑަމް، 3 ފްލޫ)
  • އދ. މާމިގިލި (18 ކޮންޓެކްޓުން، 11 ފްލޫ، 11 ރެންޑަމް)

މޮނިޓަރިންގެ ހާލަތުގައި ހުރި ރަށްތަކުގެ ތެރޭގައި ހިމެނެނީ، ކ. ހުރާ، ކ.ދިއްފުށި، ޅ. ނައިފަރު، ޅ. ފެލިވަރު، ޅ. ހިންނަވަރު، ޅ. އޮޅުވެލިފުށި، ޅ. ކުރެންދޫ، އދ. މާމިގިލި، ތ. ވިލުފުށި އަދި ތ. ވޭމަންޑޫ އެވެ.

އަތޮޅުތެރޭގެ ރަށްރަށުގައި ޖުމްލަ 983 އެކްޓިވް ކޭސް އުޅޭއިރު މީގެ ތެރެއިން ކޮވިޑް ފެސިލިޓީތަކުގައި ފަރުވާ ދެމުން ދަނީ 6 މީހަކަށެވެ. އެއީ ށ އަތޮޅު ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުންދާ 2 މީހެއްގެ އިތުރުން ބ އަތޮޅު ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުން ދާ 4 މީހެކެވެ.

ފާއިތުވި މަސް ތެރޭގައި ރަށްރަށުން ފެންނަ ކޮވިޑް ކޭސްތައް ބޮޑުތަނުން އިތުރު ވެފައި ވާ ކަން އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކައެވެ. އަތޮޅުތެރޭގެ ބައެއް ރަށްތަކުން ރެންޑަމް ސާމްޕަލްތައް ވެސް ދަނީ ޕޮޒިޓިވް ވަމުންނެވެ. އެގޮތުން، ބައެއް ރަށްރަށުން މީހަކު ޕޮޒިޓިވް ކަން އެނގޭއިރު، ރަށުގައި ބަލި ފެތުރި، ރަށުގެ ގިނަ ބަޔަކަށް ބަލި ޖެހިފައި ވެސް އެބަ ހުއްޓެވެ. ބައެއް ފަހަރު އެ ކޭސްތަކަކީ ކަރަންޓީނު ވާ މީހުންނާ ގުޅުން ހުރި ކޭސްތަކަށް ވެސް ވެއެވެ.