އިއްޔެ ނިމިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި ވެރިކަންކުރާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) މާލެ ސިޓީން އަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނީ ޕާޓީތެރޭގައި އޮތް ބައިބައިވުމުގެ ސަބަބުން ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.

ފައްޔާޒް ވިދާޅުވީ އެމްޑީޕީގެ ތެރޭގައި އޮތް ބައިބައިވުމަކީ ކައުންސިލް އިންތިހާބުގައި ނާކާމިޔާބީ ލިބުނު އެއް ސަބަބު ކަމަށެވެ. އަދި ކޮވިޑް-19 އާ ގުޅިގެން އަޅަން ޖެހުނު ފިޔަވަޅުތަކާއި ކުރަން ޖެހުނު މަސައްކަތްތަކަކީ ވެސް އެކަމުގެ ސަބަބެއް ކަމަށް އޭނާ ވިދާލުވިއެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ އިންތިހާބުގެ ނަތީޖާއަކީ ޑިމޮކްރަސީގައި ސިޔާސީ ޕާޓީތަކުގެ ނިޒާމަށް ލިބުނު ކުރިއެރުމެއް ކަމަށެވެ.

2018 ވަނަ އަހަރު ރިޔާސީ އިންތިހާބަށް ފަހު، އެމްޑީޕީން ރައްޔިތުން މަޖިލީސް ކާމިޔާބު ކުރީ، ފުރަތަމަ ފަހަރަށް މަޖިލީހުގެ ސުޕާ މެޖޯރިޓީ ނަގައިގެންނެވެ. އަދި ލޯކަލް ކައުންސިލް އިންތިހާބަށް އެމްޑީޕީން ކެމްޕެއިން ކުރަމުން އައީ މަޖިލީހުގެ ކާމިޔާބީގެ އެހީތެރިކަމާއެކުއެވެ.

މި އިންތިހާބުގެ ނަތީޖާއަށް ބަލާއިރު ކުރީގެ ހައުސިން މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު މާލޭގެ މޭޔަރުކަން ކާމިޔާބުކުރީ އެމްޑީޕީގެ ކުރީގެ ސެކެޓްރީ ޖެނެރަލް އަދި ރައީސް ނަޝީދުގެ ކޮއްކޮ އަނަސް އަބްދުއްސައްތާރު، ބޮޑު ތަފާތަކުން ބަލިކޮށްގެންނެވެ. މީގެ އިތުރުން، އެމްޑީޕީއަށް ވަނީ މާލެ ސިޓީ ކައުންސިލްގެ މެޖޯރިޓީ ވެސް، ކައުންސިލްގެ ތާރީހުގައި ފުރަތަމަ ފަހަރަށް ގެއްލިފައެވެ.

އައްޑޫ ސިޓީގެ މެޖޯރިޓީ އެމްޑީޕީއަށް ލިބުނަސް، މޭޔަރު ފިޔަވައި ދެން ވާދަކުރި 12 ގޮނޑީގެ ދެބައިކުޅަ އެއް ބައި އެމްޑީޕީއަށް ވަނީ ގެއްލިފައެވެ. ފުވައްމުލަކާއި ކުޅުދުއްފުށި ސިޓީން އެމްޑީޕީއަށް ކާމިޔާބީ ލިބުނު ނަމަވެސް، ގދ. އަތޮޅު ކައުންސިލްގެ ރައީސްގެ ގޮނޑި އާއި ހުޅުދުއްފާރު ކައުންސިލްގެ މެޖޯރިޓީ ވެސް ވަނީ އެމްޑީޕީއަށް ގެއްލިފައެވެ.