ފަރުވާއެއް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް ޖަހާ ވެކްސިން ފޯރުކޮށްދިނުމުގައި، މުއްސަނދި ގައުމުތަކާއި ފަގީރު ގައުމުތަކާ ދެމެދު އޮތް ބޮޑު ފަރަގަކީ، ހައިރާން ކުރަނިވި ފަރަގެއް ކަމަށް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)ގެ އިސްވެރިޔާ، ޑރ ޓެޑްރޯޒް އެޑަނޮމް ގެބްރިޔޭސޫސް ވިދާޅުވެއްޖެއެވެ.
ޑރ ޓެޑްރޯޒް ވިދާޅުވީ، މިދިޔަ ހޮނިހިރު ދުވަސް އައި އިރު، ދުނިޔޭގެ ހުރިހާ ގައުމެއްގައި ވެކްސިން ކެމްޕޭން ފެށުމަށް ކަނޑައެޅި އަމާޒު ހާސިލު ނުވާ ކަމަށެވެ.
ޑަބްލިއުއެޗްއޯއިން ދަނީ، ކޮވިޑް ވެކްސިން ފޯރުކޮށްދިނުމުގައި އަދުލުވެރިކަން އިސް ކުރުމަށް ގޮވާލަމުންނެވެ. އެ އިދާރާއިން ދަނީ މިކަން ކަށަވަރު ކުރުމަށް، ކޮވެކްސްގެ ނަމުގައި ބައިނަލްއަގުވާމީ އިއްތިހާދީ ފެސިލިޓީއެއްވެސް ހިންގަމުންނެވެ.
ކޮވެކްސް ފެސިލިޓީގެ ދަށުން މިހާތަނަށް، 100 ގައުމަކަށް، 38 މިލިއަނަށް ވުރެ ގިނަ ޑޯޒްގެ ކޮވިޑް ވެކްސިން ފޯރުކޮށްދީފައި ވާ ކަމަށް ހަބަރު ލިބެއެވެ. ކޮވެކްސް އަމާޒު ހިފާފައި ވަނީ، އަހަރަކަށް ވުރެ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި، 190 ގައުމަކަށް، 2 ބިލިއަން ޑޯޒްގެ ވެކްސިން ފޯރުކޮށްދިނުމަށެވެ.
ކޮވިޑް ވެކްސިން ލިބުމުގައި މުއްސަނދި ގައުމުތަކާއި ފަގީރު ގައުމުތަކާ ދެމެދު އޮތް ފަރަގު، ޑރ ޓެޑްރޯޒް ވަނީ ނޫސްވެރިންގެ ބައްދަލުވުމެއްގައި ބަޔާން ކޮށްދެއްވާފައެވެ. އެގޮތުން މުއްސަނދި ގައުމުތަކުގެ ކޮންމެ 4 މީހަކުން 1 ކޮވިޑް ވެކްސިން ޖަހާފައި ވާއިރު، ފަގީރު ގައުމުތަކުގައި މިއަދަދު އުޅެނީ ކޮންމެ 500 އަށް ވުރެ ގިނަ މީހުންގެ ތެރެއިން 1 ގެ ނިސްބަތުގައި ކަމަށެވެ.
މާޗް މަސް ނިމޭއިރު ކޮވެކްސް ފެސިލިޓީ މެދުވެރިކޮށް 100 މިލިއަން ޑޯޒް ފޯރުކޮށްދިނުމަށް ޑަބްލިއުއެޗްއޯއިން އަމާޒު ހިފި ނަމަވެސް، މި މުއްދަތުގައި ފޯރުކޮށްދެވުނީ 38 މިލިއަން ޑޯޒް ކަމަށާ، މި ހިނގާ އޭޕްރިލް އަދި އަންނަން އޮތް މޭމަހުގެ ތެރޭގައި އަދަދުތައް ހަމަ ކުރެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށްވެސް ޑރ ޓެޑްރޯޒް ވަނީ ވިދާޅުވެފައެވެ.
ޑރ ޓެޑްރޯޒް ވަނީ ކޮވެކްސް ފެސިލިޓީގެ ބޭރުން، ދޭދޭ ގައުމުތަކުން، އެއް ގައުމު އަނެއް ގައުމަށް ވެކްސިން ހަދިޔާ ކުރަމުންދާ ދިއުމަށްވެސް ފާޑުވިދާޅުވެފައެވެ. އެ ގައުމުތަކުން ވެކްސިން ހަދިޔާ ކުރަމުން ދަނީ ސިޔާސީ ނުވަތަ ވިޔަފާރީގެ މަގުސަދަކަށް ކަމަށްވެސް ޑރ ޓެޑްރޯޒް ވަނީ ސިފަކުރައްވާފައެވެ. މިއީ ވެކްސިން ފޯރުކޮށްދިނުމުގައި އުފެދިފައިވާ ނާއިންސާފުގެ ހުޅުގަނޑަށް ދަރުއެޅުން ކަމަށްވެސް ޑރ ޓެޑްރޯޒް ވަނީ ސިފަކުރައްވާފައެވެ.
ޑިއުކް ގްލޯބަލް ހެލްތު އިނޮވޭޝަން ސެންޓަރުގެ ހޯދުންތަކަށް ބަލާއިރު، މުއްސަނދި ގައުމުތަކުން 4.6 ބިލިއަން ޑޯޒްގެ ވެކްސިން ކަށަވަރު ކޮށްފައި ވާއިރު، ދަށް އަދި މެދު ފަންތީގެ ގައުމުތަކަށް ކަށަވަރުވީ 670 މިލިއަން ޑޯޒްގެ ކޮވިޑް ވެކްސިނެވެ.