އެނބޫދޫ ފިނޮޅު ކައިރީ، ކަނޑުމަތީގައި އޮތް ތެޔޮ ބޯޓެއްގައި ރޯވެ އަނދަމުންދާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

އެމްއެންޑީއެފުން ބުނީ އަލިފާން ރޯވެފައިވަނީ "ސީ ޕްރޯ" ކިޔާ ބޯޓެއްގައި ކަމަށާއި އެ ހާދިސާއާ ގުޅިގެން އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއުއިން ހަރަކާތްތެރި ވަމުން ދާ ކަމަށެވެ.

އެ ހާދިސާގެ ރިޕޯޓު ލިބިފައި ވަނީ މިއަދު 5:50 ހާއިރު ކަމަށްވެސް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ. އެ ބޯޓުގައި މީހުން ތިބި ކަމެއް ނުވަތަ ނެތް ކަމެއް އަދި ޔަގީނެއް ނުވެއެވެ.

އެމްއެންޑީއެފުން ބުނީ އެ ހާދިސާ ހިނގިއިރު އެ ބޯޓުގައި ތިބީ 4 މީހުން ކަމަށެވެ. އެއީ 3 ދިވެހިންނާއި ބިދޭސިއެކެވެ. އެ 4 މީހުންވެސް ރައްކާތެރި ކަމާއެކު މާލެ ގެނެސްފައިވާ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

މީގެ އިތުރުން އެމްއެންޑީއެފުން ބުނި 6:27 ގައި އެ ބޯޓު އަޑިއަށް ގޮސްފައިވާ ކަމަށެވެ. އެ ބޯޓުގައި ހުރީ 60،000 ލީޓަރުގެ ޑީސެލް އެވެ.

ބޯޓު އަޑިއަށް ދިޔަ ނަމަވެސް، އޭގައި ހުރި ތެޔޮ ލީކުވަމުން ނުދާ ކަމަށާއި ތެޔޮ ލީކު ވޭތޯ ކޯސްޓްގާޑުން ބަލަމުންދާ ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.

ބޯޓުގައި ރޯވީ ތެޔޮ ބަރުކޮށްގެން މާލެއިން ލ. އަތޮޅަށް ދަތުރު ކުރަމުން ދަނިކޮށެވެ.