އަތޮޅުތެރޭގެ ރަށްތަކުގައި ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ މީހުންގެ އަދަދު 1000 އިން މައްޗަށް އަރައިފިއެވެ.

އެޗްޕީގޭ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިވަގުތު ޖުމްލަ 75 ރަށެއްގައި ކޮވިޑް އެކްޓިވް ކޭސްތައް އެބަ އުޅެއެވެ. އެ ރަށްތަކުން ޖުމްލަ 782 ދިވެހިން އަދި 268 ބިދޭސީންނަށް ވަނީ ކޮވިޑް ޖެހިފައެވެ. އެއީ ޖުމްލަ 1050 މީހުންނެވެ. ހަމައެއާއެކު 10 ރަށެއް ވަނީ މޮނިޓަރުންގެ ހާލަތުގައެވެ.

މޮނިޓަރިންގައި ހުރި ރަށްތައް:

  • ކ. ހުރާ - 126 އެކްޓިވެ ކޭސް (112 ދިވެހިން، 14 ބިދޭސީން)
  • ކ. ދިއްފުށި - 130 އެކްޓިވް ކޭސް (123 ދިވެހިން، 7 ބިދޭސީން)
  • ޅ. ނައިފަރު - 258 އެކްޓިވް ކޭސް (139 ދިވެހިން، 19 ބިދޭސީން)
  • ޅ. ފެލިވަރު - 260 އެކްޓިވް ކޭސް (112 ދިވެހިން، 148 ބިދޭސީން)
  • ޅ. އޮޅުވެލިފުށި - 3 އެކްޓިވެ ކޭސް (3 ދިވެހިން)
  • ޅ. ކުރެންދޫ - 3 އެކްޓިވް ކޭސް (3 ދިވެހިން)
  • އދ. މާމިގިލި - 30 އެކްޓިވް ކޭސް (28 ދިވެހިން، 2 ބިދޭސީއެއް)
  • ތ. ވިލުފުށި - 6 އެކްޓިވް ކޭސް (6 ދިވެހިން)
  • ތ. ވޭމަންޑޫ - 1 އެކްޓިވް ކޭސް (1 ދިވެއްސެއް)

އަތޮޅުތެރޭގެ ރަށްރަށުގައި ޖުމްލަ 1050 އެކްޓިވް ކޭސް އުޅޭއިރު މީގެ ތެރެއިން ކޮވިޑް ފެސިލިޓީތަކުގައި ފަރުވާ ދެމުން ދަނީ 6 މީހަކަށެވެ. އެއީ ށ އަތޮޅު ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުންދާ 2 މީހެއްގެ އިތުރުން ބ އަތޮޅު ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުން ދާ 4 މީހެކެވެ.

ފާއިތުވި މަސް ތެރޭގައި ރަށްރަށުން ފެންނަ ކޮވިޑް ކޭސްތައް ބޮޑުތަނުން އިތުރު ވެފައި ވާ ކަން އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކައެވެ. އަތޮޅުތެރޭގެ ބައެއް ރަށްތަކުން ރެންޑަމް ސާމްޕަލްތައް ވެސް ދަނީ ޕޮޒިޓިވް ވަމުންނެވެ. އެގޮތުން، ބައެއް ރަށްރަށުން މީހަކު ޕޮޒިޓިވް ކަން އެނގޭއިރު، ރަށުގައި ބަލި ފެތުރި، ރަށުގެ ގިނަ ބަޔަކަށް ބަލި ޖެހިފައި ވެސް އެބަ ހުއްޓެވެ. ބައެއް ފަހަރު އެ ކޭސްތަކަކީ ކަރަންޓީނު ވާ މީހުންނާ ގުޅުން ހުރި ކޭސްތަކަށް ވެސް ވެއެވެ.