ބޭންކް އޮފް މޯލްޑިވްސް އިން ހދ. އަތޮޅަށް ކުރަމުންދާ އިންވެސްޓްމަންޓް އިތުރަށް ފުޅާ ކުރުމުގެ ގޮތުން މަކުނުދޫގައި ސެލްފް ސާވިސް ބޭންކިން އޭޓީއެމްގެ ހިދުމަތް މިއަދު ތައާރަފް ކޮށްފިއެވެ.

މި ހިދުމަތް މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގުމުގެ އިތުރުން ފައިސާ ޖަމާ ކުރުމާއި، ބިލަށް ފައިސާ ދެއްކުމާއި ޓްރާންސްފާ ކުރުމުގެ ހިދުމަތް ލިބޭނެއެވެ.

މި ފެށި އޭޓީއެމް ހިދުމަތާއެކު މިވަގުތު ހދ. އަތޮޅުގެ ތިން ރަށެއްގައި އެންމެ ޒަމާނީ އޭޓީއެމްގެ ހިދުމަތް ބޭންކުން ފޯރުކޮށް ދެމުން ދާ ކަމަށް ބީއެމްއެލުން ބުނެއެވެ. އެ ރަށްތަކަކީ ކުޅުދުއްފުށި، ހަނިމާދޫ އަދި މަކުނުދޫއެވެ.

އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި މަކުނުދޫގެ ރައްޔިތުންނަށް މި އިންވެސްޓްމަންޓްގެ ސަބަބުން ފަސޭހަ ކަމާއެކު ބޭންކިން ހިދުމަތް ފޯރުކޮށް ދެވޭކަމީ އަޅުގަނޑުމެންނަށް ލިބޭ އުފަލެއް.
ބީއެމްއެލް ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާ

ޓިމް ސޯޔާ ވިދާޅުވީ މުޅި ރާއްޖެއަށް ބޭންކިން ހިދުމަތް ފުޅާކުރުމުގެ މަޝްރޫގެ ދަށުން މިދިޔަ އަހަރެއްހާ ދުވަސްތެރޭ ބޭންކުން 11 ރަށެއްގައި އަލަށް ސެލްފް ސާވިސް ބޭންކިން އޭޓީއެމް ސެންޓަރު ހުޅުވާފައި ވާ ކަމަށެވެ. އަދި އިތުރު 5 ރަށެއްގައި ބަހައްޓާފައި ހުރި އޭޓީއެމް ސެލްފް ސާވިސް ބޭންކިން ހިދުމަތްތައް ލިބޭނެހެން ބަދަލު ގެނެސްފައި ވާ ކަމަށް އޭނާ ވިދާޅުވިއެވެެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 35 ބްރާންޗް، 68 ސެލްފް ސާވިސް ބޭންކިން ސެންޓަރު، 129 އޭޓީއެމް، 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅު ތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށް ދިނުމެވެ.