ކުރީގެ ސަރުކާރުން ބިނާކޮށްފައިވާ، ކިންގް ސަލްމާން މިސްކިތުގެ ޑިޒައިނަކީ މެލޭޝިޔާ ކުންފުންޏެއްގެ ޑިޒައިނެއްގެ ކޮޕީރައިޓް އޮތް ފަރުމާއެއް ކަމަށް ބުނާ މައްސަލައެއް ފެންމަތިވެއްޖެއެވެ.
"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ ސަލްމާން މިސްކިތް ހަދަން ކުރީ ސަރުކާރަށް ހުށަހެޅި ކުރެހުން ކޮޕީކޮށް، އެހެން ކުންފުންޏަކާ ހަވާލުކޮށްގެން އެ މަސައްކަތް ކޮށްފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީއަށް ފޮނުވާފައިވާ ސިޓީގައި ބުނެފައިވާ ކަމަށެވެ.
އަދި މެލޭޝިޔާގެ އެ ކުންފުނިން ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށްވެސް ބުނެފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.
މާލޭ ބޮޑުތަކުރުފާނު މަގުގެ އިރުމަތީ ފަރާތުގައި އިމާރާތްކޮށްފައިވާ ކިންގް ސަލްމާން މިސްކިތަކީ ސައޫދީ ރަސްގެފާނުގެ އެހީގައި އިމާރާތްކޮށްފައިވާ މިސްކިތެކެވެ. އެ މިސްކިތުގެ މަސައްކަތް ކުރަން ހަވާލުކޮށްފައި ވަނީ ތުރުކީގެ ޓާމެކްސް ކުންފުންޏާއެވެ. އެ ކުންފުންޏާ އެކު ކުރީ ސަރުކާރުން އެއްބަސްވުމުގައި ސޮއިކުރީ ފެބްރުއަރީ 28، 2017 ގައެވެ.
މެލޭޝިޔާ ކުންފުންޏެއް ކަމަށްވާ އެންއާރްވައި އާކިޓެކްސް އިން ހުށަހެޅި ޑިޒައިނެއް ކަމަށް ތުހުމަތު ކޮށް އެ ކުންފުނިން ބުނެފައިވާގޮތުގައި އެ މިސްކިތް ބިނާކޮށް ނިންމާފައިވަނީ އެ ކުންފުނީގެ ޑިޒައިނަށެވެ. ކުދި ކުދި ބަދަލު ހުރި ނަމަވެސް ޑިޒައިނަކީ މެލޭޝިޔާ ކުންފުނީގެ ޑިޒައިންކަމަށް މެލޭޝިޔާ ކުންފުނިން ދައުވާ ކުރާކަމަށް ރާއްޖެގެ އޮންލައިން ނޫހެއްގައި ބުނެފައިވެއެވެ.
ސަލްމާން މިސްކިތުގެ މަސައްކަތް މިދިޔަ އަހަރު ކުރީ ކޮޅު ނިންމައި ސަރުކާރާ ހަވާލު ކުރި ނަމަވެސް އަދިވެސް އެ މިސްކިތެއް ނުހުޅުވައެވެ. މި ރޯދަ މަހު ވަގުތީ ގޮތުން ވިޔަސް މިސްކިތް ހުޅުވަން މަސައްކަތްކުރިއެވެ. ނަމަވެސް ފަހުން ބުނެފައިވަނީ ރޯދަ އަށް ވެސް ތަން ހުޅުވެން ނެތް ކަމަށެވެ.