ކޮވިޑް-19 ބަލިމަޑުކަމުން އިބުރަތް ލިބިގަނެ، މިފަދަ ސިއްހީ ކުއްލި ނުރައްކަލެއް އަދި މިފަދަ އެހެން ކާރިސާއަކަށް ތައްޔާރުވުމުގެ ގޮތުން، ދާއިމީ ކަރަންޓީނު ފެސިލިޓީތައް ގާއިމް ކުރަން ނިންމާފައި ވާ ކަމަށް ހެލްތް މިނިސްޓަރު އަހްމަދު ނަސީމް ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ ދުނިޔޭގެ ސިއްހަތު ދުވަހުގެ މުނާސަބަތުގައި ދެއްވި ހިތޯބުގައެވެ. އޭނާ ވިދާޅުވީ، ސިއްހީ ކުއްލި ނުރައްކަލެއް އަދި މިފަދަ އެހެން ކާރިސާއަކަށް ތައްޔާރުވުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން، ދާއިމީ ކަރަންޓީނު ފެސިލިޓީތައް ގާއިމު ކުރުމުގެ އިތުރުން ރާއްޖޭގެ އެކި ހިސާބުގައި މިހާރު ގާއިމު ކޮށްފައިވާ ކޮވިޑް ފެސިލިޓީތައް ކުރިމަގުގައި ވެސް ބޭނުން ކުރެވޭނެހެން ބައްޓަންކޮށް ދަމަހައްޓާނެ ކަމަށެވެ.

ހެލްތް މިނިސްޓަރު އަހްމދު ނަސީމް (ކެރަފާ ނަސީމް) / ފޮޓޯ: ރައީސް އޮފީސް

ނަސީމް ވިދާޅުވީ ކޮވިޑް އިޖާބައިގެ ތެރެއިން އަދި ކޮވިޑް ވެކްސިން ޕްރޮގްރާމުގެ ތެރެއިން އެއްކޮށްފައިވާ ޒާތީ ސިއްހީ މަޢުލޫމާތުތައް ޑިޖިޓަލް ޑޭޓާބޭސް ތަކުގައާއި މިފަދަ އެހެނިހެން ޕްލެޓްފޯމްތަކުގައި ރައްކާތެރި ކަމާއެކު ބަލަހައްޓާނެ ކަމަށެވެ. އަދި މި މައުލޫމާތުތަކުގެ އަލީގައި ރައްޔިތުންނަށް ދޭ ސިއްހީ ހިދުމަތްތަށް އިތުރަށް ތަރައްގީ ކުރާނެ ކަމަށެވެ. އޭނާ ވިދާޅުވީ މި އަހަރު ނިމުމުގެ ކުރިން ދިވެހި ކޮންމެ ރައްޔިތެއްގެ ފުރިހަމަ ސިއްހީ މައުލޫމާތުގެ ރެކޯޑެއް ގަވައިދުން އަދާހަމަ ކުރެވޭނެ ނިޒާމެއްގެ ތެރެއިން އެއްކޮށް ބެލެހެއްޓޭނެ ކަމަށެވެ.

ހިތާބު ދެއްވަމުން ނަސީމް އިތުރަށް ވިދާޅުވީ ރައްޔިތުންނާއި ގާތުން ސިއްހީ ހިދުމަތް ދީ، ސިއްހީ ރައްކާތެރިކަން ދުރާލާ ކަށަވަރު ކުރުމުގެ ތެރެއިން ސިއްހީ އިބްތިދާއީ ހިދުމަތް (ޕްރައިމަރީ ހެލްތުކެއާ)ގެ އާ މަޝްރޫއެއް މުޅި ގައުމުގައި ފެށަން ނިންމާފައި ވާ ކަމަށެވެ. ޕްރައިމަރީ ހެލްތު ކެއާގެ ވިސްނުމަކީ، ހެލްތު ކެއާ ވޯކަރުން ކުރީ ސަފުގައި ތިބެގެން އަދި އެހެނިހެން ހެލްތު ޕްރޮފެޝަނަލުންގެ ވެސް ދައުރު ފުޅާކޮށް ޓީމެއްގެ ގޮތުގައި، ރަށު ފެންވަރުގައި، ރައްޔިތުންނާއި ގާތުން ހިދުމަތްތައް ފޯރުކޮށް ދިނުން ކަމަށް ނަސީމް ވިދާޅުވިއެވެ.

އެއީ ބަލިވުމުން ސިއްހީ މަރުކަޒަށް ދިއުމުން ފަރުވާ ދިނުމަށްވުރެ، ބަލިތަކުން ރައްކާތެރިވުމަށް ދުރާލާ މަސައްކަތް ކޮށް، ރައްޔިތުންގެ ޖިސްމާނީ، ނަފުސާނީ އަދި އިޖްތިމާއީ ދުޅަހެޔޮކަން ކަށަވަރު ކުރުން ކަމަށް އޭނާ ވިދާޅުވިއެވެ.