12 ރަށެއްގެ ސިއްހީ މަރުކަޒުތައް އިތުރު ހިދުމަތްތަކާ ވަސީލަތްތަކާއެކު، ހޮސްޕިޓަކް ފެންވަރަށް ތަރައްގީ ކުރަން ނިންމާފައި ވަ ކަމަށް ހެލްތް މިނިސްޓަރު އަހްމަދު ނަސީމް ވިދާޅުވެއްޖެއެވެ.

ނަސީމް މިހެން ވިދާޅުވީ ދުނިޔޭގެ ސިއްހަތު ދުވަހުގެ މުނާސަބަތުގައި ދެއްވި ހިތާބުގައެވެ. ހިތާބުގައި ނަސީމް ވަނީ، ސިއްހީ ހިދުމަތް ހޯދުމަށް މާލެއަށް ބަރޯސާ ވާ މިންވަރު ކުޑަ ކުރުމުގެ ގޮތުން މި ސަރުކާރުން ހިންގަން ނިންމާފައި ވާ މަޝްރޫއުތައް ފާހަގަ ކުރައްވާފައެވެ.

އެގޮތުން، އަތޮޅުތެރޭގެ ސަރަހައްދީ 5 ހޮސްޕިޓަލުގެ "އޮޕްޓިމައިޒޭޝަން" މަޝްރޫއުގެ ދަށުން އެ ހޮސްޕިޓަލްތަކުގައި މުޅިން އަލަށް ފަށާ ހާއްސަ ފަރުވާގެ ހިދުމަތްތަކާ، ތަހުލީލު ކުރުމުގެ ޒަމާނީ ވަސީލަތްތައް ގާއިމު ކުރުމުގެ އިތުރުން އިންސާނީ ވަސީލަތްތައް ވެސް އިތުރު ކުރަން ނިންމާފައި ވާ ކަމަށް ނަސީމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެމަޖެންސީ ފަރުވާގެ ނިޒާމު ހަރުދަނާ ކުރުމުގެ ގޮތުން އިތުރު 26 ރަށަކަށް އެމްބިއުލަންސް ފޯރުކޮށްދިނުމަށް ހަމަޖެހިފައި ވާ ކަމަށެވެ. އަދި މުޅި ރާއްޖޭގައި އެމަޖެންސީ އަވަސް ފަރުވާ ދިނުމަށް ބޭނުންވާ ވަސީލަތްތައް ގާއިމު ކޮށް، މިކަމުގެ ފަންނީ ހިދުމަތްތެރިން ތަމުރީނު ކުރަން ނިންމާފައި ވާ ކަމަށް އޭބާ ވިދާޅުވިއެވެ.

ނަސީމު އިތުރަށް ވިދާޅުވީ 12 ރަށެއްގެ ސީއްހީ މަރުކަޒުތައް އިތުރު ހިދުމަތްތަކާ ވަސީލަތްތަކާއެކު، ހޮސްޕިޓަލުގެ ފެންވަރަށް ތަރައްގީ ކުރަން ނިންމާފައި ވާ ކަމަށެވެ. އަދި ހެލްތު ސެންޓަރުތަކާ ހަސްފަތާލުތަކުގެ އާބާތުރަ ފިލުވާ، އުމުރާނީ ތަރައްގީތައް ގެންނާނެ ކަމަށެވެ.

ހަމައެއާއެކު، ކެންސަރަށް ފަރުވާދެވޭ ފުރިހަމަ ގައުމީ މަރުކަޒެއް ފުރަތަމަ ފަހަރަށް ގާއިމު ކުރާނެ ކަމަށް ވެސް ހެލްތް މިނިސްޓަރުގެ ހިތާބުގައި ވަނީ ފާހަގަ ކުރައްވާފައެވެ.