ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދި ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފިއެވެ.

ރައީސް އޮފީހުން ބުނީ އެ ކޮމިޝަނުގެ ހުސްވެފައިވާ މެންބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގެ މުއްދަތު އިތުރު ކޮށްފައި ވަނީ މި މަހުގެ 15 ވާ ބުރާސްފަތި ދުވަހުގެ 12:30 ގެ ނިޔަލަށް ކަމަށެވެ.

ރައީސް އޮފީހުން މިދިޔަ މަހުގެ 31 ވަނަ ދުވަހު ކުރި އިއުލާންގެ މުއްދަތު އިތުރުކުރީ މިމަހުގެ 11 އަދި 12 ވަނަ ދުވަހަކީ ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކަނޑައަޅުއްވާފައިވާތީ އިތުރު ވަގުތު ދިނުމުގެ ގޮތުން ކަމަށް ރައީސް އޮފީހުން ބުނެއެވެ.

އެޗްއާރުސީއެމްގެ މެންބަރުކަމަށް ކުރިމަތިލާން އެދޭ ފަރާތްތަކުން އެކަމަށް އެދި ހުށަހަޅާ ފޯމު މި މަހު 14 އަދި 15 ވަނަ ދުވަހު ހެނދުނު 09:30 އިން މެންދުރުފަހު 12:30 އަށް، ރައީސް އޮފީހަށް ހުށަހެޅުމަށް ވަނީ އެދިފައެވެ.

ރައީސް އޮފީހުން ބުނީ އެޗްއާރްސީއެމްގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސްގެ އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެއްވޭނެ ކަމަށެވެ.

މިހާރު އެޗްއާރުސީއެމްގެ މެންބަރުކަމުގެ މަގާމުގައި ތިއްބެވީ ސ. ފޭދޫ، ޑޯރެންސީވިލާ، އާމިނަތު ޝިފާއަތު އަބްދުއްރައްޒާގާއި، މ. ޖިއެނާ، މުއުމިނާ ވަހީދު އަދި މއ. މާވެޔޮގެ، ޑރ. އަހުމަދު އަދުހަމް އަބްދުﷲއެވެ.

އެޗްއާރްސީއެމްގެ މެންބަރު ކަމަށް ކުރިމަތިލުމަށް ޝައުގުވެރިވާ ފަރާތްތަކަށް ރައީސް އޮފީހުން ފުރުސަތު ހުޅުވާލީ މިމަހުގެ 12 ވަނަ ދުވަހުގެ މެންދުރުފަހު 12:30 އަށެވެ.