ވ.ތިނަދޫ މޮނިޓަރިންގެ ހާލަތުން ނަގައިފިއެވެ.
އެރަށް މޮނިޓަރިންގެ ހާލަތަށް ލާފައި ވަނީ އިއްޔެއެވެ.
ތިނަދޫ ކައުންސިލުން 'ދަ ޕްރެސް' އަށް މައުލޫމާތު ދީފައި ވާ ގޮތުގައި އެރަށުން ޕޮޒިޓިވް ވެފައި ވަނީ އެ ރަށަށް ޗުއްޓީ ހޭދަ ކުރުމަށް ދިޔަ ފަތުރުވެރިޔަކު ފުރަން ވެގެން ނެގި ޑިޕާޗާ ސާމްޕަލަކުންނެވެ. އެއީ ޕާކިސްތާނަށް ނިސްބަތްވާ ފިރިހެނެކެވެ.
ފަތުރުވެރިޔާ ޕޮޒިޓިވް ވިއިރު، އޭނާއާ ކޮންޓެކްޓް ވެފައިވާ މީހަކު އެރަށުގައި ހުއްޓެވެ. ރަށް މޮނިޓަރިންގެ ހާލަތަށް ގެންދިޔައީ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރުމަށާއި، ކޮންޓެކްޓް ވި މީހާގެ ސާމްޕަލް ނަގާ، އިތުރަށް ބަލަން ޖެހޭ ކަންކަން ބެލުމަށެވެ. ނަމަވެސް ކޮންޓެކްޓް ވި މީހާގެ ސާމްޕަލް ނެގެޓިވް ވުމުން ރަށް ވަނީ މޮނިޓަރިންގެ ހާލަތުން ނަގާފައެވެ.
ނަމަވެސް، ފަތުރުވެރިޔާއާ ކޮންޓެކްޓް ވި މީހާ ހުރީ 10 ދުވަހުގެ މުއްދަތަކަށް ކަރަންޓީނު ކޮށްފައި ކަމަށް ކައުންސިލުން މައުލޫމާތު ދެއެވެ.
ވ. ތިނަދޫ މޮނިޓަރިންގެ ހާލަތުން ނަގާފައި ވާއިރު، 16 ރަށެއް މިވަގުތު ވެސް މޮނިޓަރިންގެ ހާލަތުގައި އޮތް ކަން ފާހަގަ ކޮށްލެވެއެވެ. އެއީ، ދ. ކުޑަހުވަދޫ، ދ. މީދޫ، ކ. ހުރާ، ކ. ދިއްފުށި، ޅ. ނައިފަރު، ރ. ހުޅުދުއްފާރު، ޅ. ފެލިވަރު، ޅ. ހިންނަވަރު، ރ. އަލިފުށި، ޅ. އޮޅުވެލި، ނ. ހޮޅުދޫ އާއި ރ މާކުރަތު، އދ. މަހިބަދޫ، ޅ. ކުރެންދޫ އަދި ތ. ވިލުފުށީގެ އިތުރުން އދ. މާމިގިއްޔެވެ.
ހަމައެއާއެކު، މާލެ ސަރަހައްދު ފިޔަވައި ރާއްޖޭގެ 65 ރަށެއްގައި އެކްޓިވް ކޭސްތައް ހުރިކަން ފާހަގަ ކޮށްލެވެއެވެ. އެ ރަށްތަކުގައި ކޮވިޑްގެ އެކްޓިވް ކޭސްތަކުގެ ގޮތުގައި 923 މީހަކު އެބަތިއްބެވެ. އޭގެތެރޭގައި ހިމެނެނީ 255 ބިދޭސީންނާއި 668 ދިވެހިންނެވެ.