ރާއްޖެއިން ކޮވިޑް-19 އާ ދެކޮޅަށް ކުރަމުން ދާ މަސައްކަތްތަކަށް އެހީތެރިވެ ދިނުމުގެ ގޮތުންނާއި، ރައްކާތެރި ގޮތެއްގައި މެޑިކަލް ވޭސްޓް ނައްތާލުމުގެ މަސައްކަތް ހަރުދަނާ ކުރުމަށްޓަކައި ކެނެޑާ ސަރުކާރުން ރާއްޖެއަށް 1.35 ކެނޭޑިއަން ޑޮލަރުގެ އެހީ ފޯރުކޮށް ދީފިއެވެ.

ކެނެޑާ ސަރުކާރާއި ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ) ގުޅިގެން ވަނީ ރާއްޖޭގައި ގާއިމުކުރާ "ޑިސްއިންފެކްޝަން އޮފް މެޑިކަލް ވޭސްޓް"ގެ ނަމުގައި މަޝްރޫއެއް އިފްތިތާހު ކޮށްފައެވެ.

މި މަޝްރޫއުގެ ދަށުން އަތޮޅު ތެރޭގައި ސިއްހީ ހިދުމަތްދޭ މަރުކަޒުތަކުގައި 'މެޑިކަލް ވޭސްޓް މެނޭޖްމަންޓް' މަރުހަލާތައް ހަރުދަނާ ކުރުމަށް 40 އޮޓޯކްލޭވް ހޯދުމަށް ވަނީ ހަމަޖެހިފައެވެ. އަދި މިހާތަނަށް މި ހިދުމަތް ގާއިމު ކޮށްފައިވާ އަތޮޅުތަކުގެ އިތުރުން، 10 އަތޮޅެއްގައި 'މެޑިކަލް ވޭސްޓް މެނޭޖްމަންޓް' ގެ ހިދުމަތްތައް ގާއިމު ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ސިއްހީ ހިދުމަތް ދިނުމަށް ބޭނުން ކުރާ ތަކެތި ރަނގަޅު ގޮތުގައި ނައްތާލުމަކީ ކޮވިޑް-19 ފަދަ ގައިން ގަޔަށް އަރާ ބަލިތަކުންނާއި، އެހެނިހެން ޖަރާސީމްތަކުން ރައްކާތެރިވުމަށް ވަރަށް މުހިންމު ކަމެކެވެ. މި ހިދުމަތް ގާއިމު ކުރުމުގެ ސަބަބުން ސިއްހީ ހިދުމަތް ދޭ މަރުކަޒުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނާއި، ހިދުމަތް ހޯދާ ފަރާތްތަކަށް އިތުރު ރައްކާތެރިކަން ލިބޭނެއެވެ. އަދި ހިދުމަތް ދިނުމަށް ބޭނުންކުރެވޭ ތަކެތި އަންދާލުން ނިމުމަކަށް ގެނެވި، މިކަމުގެ ސަބަބުން ތިމާވެށްޓަށް ކުރާ ގެއްލުންތައް ވެސް ކުޑަވެގެން ދާނެއެވެ.

ޑިސްއިންފެކްޝަން އޮފް މެޑިކަލް ވޭސްޓްގެ މަޝްރޫއު އިފްތިތާހު ކުރުން / ފޮޓޯ: ހެލްތް މިނިސްޓްރީ

ޑަބްލިއުއެޗްއޯގެ އެހީތެރި ކަމާއެކު ރާއްޖޭގައި ނޭޝަނަލް ހެލްތު ކެއާ ވޭސްޓް މެނޭޖްމަންޓް ޕޮލިސީ އަދި ސްޓްރެޓެޖީ ވަނީ އެކުލަވާލާފައެވެ. އަދި ހެލްތު ކެއާ ވޭސްޓް ނައްތާލުމުގެ ޕައިލެޓް ޕްރޮޖެކްޓެއް ލާމު އަތޮޅުގައި ވަނީ ވަރަށް ކާމިޔާބު ކަމާއެކު ކުރިއަށް ގެންގޮސްފައެވެ.

މި މަޝްރޫއު އިފްތިތާހު ކުރުމަށް މިއަދު ހެލްތު މިނިސްޓްރީގައި ވަނީ ވާޗުއަލް ރަސްމިއްޔާތެއް ބާއްވާފައެވެ. އެ ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް ހެލްތުގެ އިސް ބޭބޭފުޅުންނާއި، ސްރީލަންކާގައި ހުންނަ ކެނެޑާގެ ހައިކޮމިޝަނަރުގެ އިތުރުން ޑަބްލިއުއެޗްއޯގެ ރާއްޖޭގެ އޮފީހުގެ އެކްޓިން ރެޕްރެޒެންޓެޓިވް ބައިވެރިވެ ވަޑައިގެންނެވިއެވެ.