ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ ދަށުން ގެނައުމަށް ވިސްނިފައިވާ އެންމެ ބޮޑު ބަދަލަކީ ފުލުހުންގެ ހިދުމަތް ލާމަރުކަޒީކޮށް ފޯރުކޮށްދިނުމުގެ ވިސްނުން ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުالله ވިދާޅުވެއްޖެއެވެ.
އއ. ތޮއްޑޫ ޕޮލިސް ޕޯސްޓް ހުޅުވުމަށް އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އިމްރާން ވިދާޅުވީ މިފަލްސަފާގެ ތެރެއިން ހިދުމަތް ފެށިގެން ދަނީ ކޮންމެ ރައްޔިތަކަށްވެސް އެރައްޔިތަކު ހުރިތަނަކުން, ކޮންމެ ވިޔަފާރިއަކަށް އެވިޔަފާރިއެއް ހުރި ހިސާބަކުން, ކޮންމެ ދަނޑަކަށް އެދަނޑެއް އޮތް ބިމަކުން ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ކަމަށެވެ.
ރައްޔިތުންނާއި, ރައްޔިތުންގެ މުދަލަށް ރައްކާތެރިކަން ފޯރުކޮށްދިނުން ދައުލަތުގެ މައްޗަށް ލާޒިމްކޮށްފައިވުމުގެ ނަތީޖާއަކަށްވަނީ ހާއްސަކޮށް މިސަރުކާރުން އަތޮޅުތެރޭގައި ފުލުހުންގެ ހިދުމަތް ހަރުދަނާކުރުމަށް ބޮޑަތި މަސައްކަތްތަކެއްކޮށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިއީ އަތޮޅުތެރޭގައި ފުލުހުންގެ ހިދުމަތް ފުޅާކުރުމަށް ސަރުކާރުން އިސްކަންދެއްވާ މިންވަރު ހާމަކޮށްދޭކަމެއްކަމަށާއި އެ މަޝްރޫއު ނިމިގެންދާއިރު ރައްޔިތުންނަށް އެރައްޔިތަކު ހުރި ރަށަކުން, ހިދުމަތް ކަށަވަރުވެގެންދާނެކަމަށް އުއްމީދުކުރައްވާކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
ތޮއްޑޫއަށް އިޝާރާތްކުރައްވާ މިނިސްޓަރު ވިދާޅުވީ ގެސްޓްހައުސްގެ ވިޔަފާރީގެ ހިދުމަތް ފުޅާދާއިރާއެއްގައި ދޭ ރަށަކަށްވެފައި, ދަނޑުވެރިކަމުގެ މައި ރަށަކަށްވާއިރު ތޮއްޑޫގެ ދަނޑުވެރިކަމަށާއި, ޓޫރިޒަމްގެ ހިދުމަތަށް އަމާންކަމާއި, ރައްކާތެރިކަން ކަށަވަރުކޮށްދިނުމަކީ ސަރުކާރާއި, ހާއްސަކޮށް ފުލުހުންގެ މުއައްސަސާގެ މައްޗަށް އޮތް ވަރަށްބޮޑު ޒިންމާއެއްކަމަށެވެ.
އެޒިންމާ ފުރިހަމަކުރުމަށް ކައުންސިލާ މުއައްސަސާތަކާ ގުޅިގެން ފުލުހުން މަސައްކަތް ކުރައްވާ ކަމަށާއި ރަށުގެ ވެށި ކުށުން ދުރުކުރުމަށް އެންމެ މުހިއްމުކަމަކީ ރައްޔިތުން ފުލުހުންނާއެކުގައި ބައިވެރިވެ, ގުޅިގެން މަސައްކަތްކުރުންކަމަށް މިނިސްޓަރުގެ ވާހަކައިގައި ފާހަގަ ކުރެއްވިއެވެ.