ޓީމޯލެސްޓޭގެ ވެރިރަށް ޑިލީއާއި އިންޑޮނޭޝިއާގެ އިރުމަތީ ނުސާ ޓެންގަރާ ޕްރޮވިންސަށް ކުރި ވިއްސާރައާއި ބިންގަނޑުކަނޑައިގެން ދިޔުމުގެ ހާދިސާގެ ސަބަބުން ލިބުނު ގެއްލުންތަކާ ގުޅިގެން ދެ ގައުމުގެ ފޮރިން ،މިނިސްޓަރުންނަށް މިނިސްޓާ އޮފް ފޮރިން އެފެއާޒް އަބްދުﷲ ޝަހިދު ހަމްދަރުދީގެ މެސެޖު ފޮނުއްވައިފިއެވެ.

އެގޮތުން ޑިލީގެ މިނިސްޓާ އޮފް ފޮރިން އެފެއާޒް އެންޑް ކޯޕަރޭޝަން އަޑަލްޖީޒާ އަލްބާޓީނާ އެގްޒޭވިއާ ރެއިސް މެގްނޯއަށް، ޝާހިދު ފޮނުއްވި ހަމްދަރުދީގެ މެސެޖުގައި ޓީމޯލެސްޓޭގެ ވެރިރަށް ޑިލީއަށް ކުރި ގަދަވިއްސާރައިގެ ސަބަބުން ފެންބޮޑުވުމާއި ބިންގަނޑުކަނޑައިގެން ދިޔުމުން އެތަށްބައެއްގެ ދިރިއުޅުމަށް ބޮޑެތި ގެއްލުންތަކެއްވެ އެތަކެއް ގެދޮރު ހަލާކުވި ހަބަރު އެއްސެވީ ފުން ހިތާމަޔާއެކީގައި ކަން މިނިސްޓަރުގެ މެސެޖުގައި ފާހަގަކުރެއްވިއެވެ.

އަދި ކޮވިޑް-19 ގެ ސަބަބުން ބޮޑެތި ދަތިތަކެއް ކުރިމަތިވެފައިވާ މިދަނޑިވަޅުގައި ދިމާވި ހިތާމަވެރި ހާދިސާގެ ސަބަބުން، ދިވެހި ސަރުކާރާއި ދިވެހިންގެ ނަމުގައި ގެއްލުން ލިބުނު ފަރާތްތަކަށާއި ޓީމޯލެސްޓޭގެ ސަރުކާރަށް ހަމްދަރުދީ ފޮނުއްވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން މި ހާދިސާއިން ވީހާވެސް އަވަހަށް އަރައިގަތުމަށް މަސައްކަތް ކުރާ ފަރާތްތަކުން އެކަންކަން ފުރިހަމައަށް ގެންދަވާނެކަމަށް އުއްމީދު ކުރައްވާ ކަމަށާއި، މިފަދަ ހިތާމަވެރި ދަނޑިވަޅެއްގައި ޓީމޯލެސްޓޭގެ ރައްޔިތުން ކުރައްވާ ހިތްވަރު ފާހަގަކުރައްވާ ކަމުގައި ޝާހިދުގެ މެސެޖުގައި ވިދާޅުވިއެވެ.

އިންޑޮނޭޝިއާ ފޮރިން މިނިސްޓަރު ރެޓްނޯ މަރްސުދިއަށް، މިނިސްޓަރު ޝާހިދު ފޮނުއްވި މެސެޖުގައި އިރުމަތީ ނުސާ ޓެންގަރާއަށް ކުރިމަތިވި ގަދަ ވިއްސާރައާއި ފެންބޮޑުވުމުގެ ސަބަބުން އެތަކެއް ގެދޮރު ހަލާކުވެ، އެތައްބައެއްގެ ދިރިއުޅުމަށް ބޮޑެތި ގެއްލުންތަކެއްވި ކަމަށައި އެކަމުގެ ހަބަރު އެއްސެވީ ފުން ހިތާމަޔާއެކީގައި ކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

އަދި ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި އެ ހިތާމަވެރި ހާދިސާގެ ސަބަބުން ގެއްލުން ލިބުނު ފަރާތްތަކަށާއި އިންޑޮނޭޝީއާގެ ސަރުކާރަށް ހަމްދަރުދީ ފޮނުއްވާކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން މިފަދަ ހާލަތެއްގައި އިންޑޮނޭޝިއާ ރައްޔިތުން ކުރެއްވި ހިތްވަރު ފާހަގަ ކުރައްވާ ކަމުގައި ޝާހިދުގެ މެސެޖުގައި ވިދާޅުވިއެވެ.