ޕޮލިސް ބޯޑަށް އާންމުންގެ ފަރާތުން ކަނޑައަޅާ މެންބަރެއްގެ ގޮތުގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ގާނޫނީ ޓީމުގައި މަސައްކަތް ކުރެއްވި ވަކީލު ސަފާ ޝަރީފު އައްޔަންކުރަން މަޖިލިހުން ފާސްކޮށްފިއެވެ.

ސަފާ އައްޔަނު ކުރަން މަޖިލީހުގެ ޖަލްސާގައި މިއަދު ބައިވެރިވި މެންބަރުންގެ ތެރެއިން 34 މެމްބަރުން ވަނީ ވޯޓު ދީފައެވެ. އަދި އެއްވެސް ކޮޅަކަށް ވޯޓު ދޭން ނުފެންނަ ކަމަށް އެއް މެމްބަރަކު ވަނީ ވޯޓު ދީފައެވެ.

އާންމުންގެ ތެރެއިން ޕޮލިސް ބޯޑަށް ދެ ވަނަ މެންބަރަކު އައްޔަނު ކުރުމަށް ކުރި އިއުލާނާ ގުޅިގެން 6 މީހަކު ވަނީ އެ މަގާމަށް ކުރި މަތިލާފައެވެ. ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގެ ރިޕޯޓުގައި ބުނެފައި ވަނީ އެ 6 މީހުންނާ އިންޓަވިއު ކުރި ކަމަށާއި އަދި ސަފާގެ ނަން ތަޅުމަށް ފޮނުވާފައިވަނީ ކޮމެޓީގެ ތިން ބައިކުޅަ ދެބައި މެންބަރުންގެ އަގުލަބިއްޔަތުން ކަމަށެވެ.

ޕޮލިސް ބޯޑަށް އާންމުންގެ ފަރާތުން ދެ މެންބަރު އައްޔަން ކުރަން ޖެހެއެވެ. އާއެގޮތުން ޕޮލިސް ބޯޑަށް އާންމުންގެ ފަރާތުން އައްޔަންކުރަން މަޖިލީހުން ފުރަތަމަ ފާސްކޮށްފައި ވަނީ އެމްޑީޕީގެ އިސް މެންބަރު އަދި މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާ ކުރީގެ މެންބަރު ހާމިދު އަބްދުލް ޣަފޫރު އެވެ.

ސަފާ އަކީ ރައީސް ނަޝީދުގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގެން ވަކީލެކެވެ. އަދި އޭނާ ވަނީ 2019 ވަނަ އަހަރު ރާއްޖޭގެ އިންޓަނޭޝަނަލް އާބިޓްރޭޝަން ސެންޓާގެ ބޯޑް މެންބަރެއްގެ މަގާމު ވެސް ފުރުއްވާފައެވެ. އަދި އޭނާ ވަނީ ޝާޓާޑް އިންސްޓިއޓިއުޓް އޮފް އާބިޓްރޭޗަންގެ މެންބަރުކަން ވެސް ކުރައްވާފައެވެ.

ޕޮލިސް ބޯޑުގެ މަސްއޫލިއްޔަތަކީ ކޮމިޝަނަރާއި ޑެޕިއުޓީ ކޮމިޝަނަރު އައްޔަން ކުރުމުގައި އެ މަގާމަށް އެކަށޭނެ ފަރާތެއް ވަޒަން ކުރުމަށް ކުރަން ޖެހޭ ކަންތައްތައް ކުރުމާއި ލަފާދޭން ޖެހޭ ކަންކަމުގައި ވަޒީރަށާއި ގާނޫނުގައި ލަފާ ދިނުމަށް ކަނޑައަޅާފައިވާ ފަރާތްތަކަށް ލަފާ ދިނުމެވެ.