އެމްޑަބްލިއުއެސްސީން އދ. ހަންޏާމީދޫގެ ފެނުގެ ނިޒާމް ގާއިމް ކުރުމުގެ އަމަލީ މަސައްކަތް އިފްތިތާހު ކޮށްފިއެވެ.
މިމަޝްރޫއުގެ މަސައްކަތް އިފްތިތާހު ކޮށްދެއްވާފައި ވަނީ، ހަންޏާމީދޫގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި، އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު ހަސަން ޝާހު އާއި އެންސްޕާގެ ޑެޕިއުޓީ ސީއީއޯ ރުގިއްޔާ މުހައްމަދު އާއި ހަންޏާމީދޫ ކައުންސިލްގެ ރައީސް މޫސާ ނާޒިމެވެ.
މި ރަސްމިއްޔާތުގައި އެމްޑަބްލިއުއެސްސީގެ މެނޭޖްމެންޓްގެ އިސް ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.
ފެނުގެ ނިޒާމް ގާއިމް ކުރުމުގެ މަސައްކަތަށް ބޭނުންވާ ހޮޅިއާއި އެހެނިހެން ތަކެތި ހަންޏާމީދުއަށް ގެންގޮސް، ހޮޅި ވަޅުލުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. އަދި ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތް ކުރާ ފެސިލިޓީ ބިލްޑިންގެ މަސައްކަތްތައް ވެސް މިހާރު ދަނީ ކުރަމުންނެވެ.
މި މަޝްރޫއުގެ ދަށުން ހަންޏާމީދޫގައި 5.1 ކިލޯ މީޓަރގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯކް ގާއިމް ކުރުމާއި އާއޯ ފެސިލިޓީ ބިލްޑިން އިމާރާތް ކުރުމާއި، ފެން އުފެއްދުމަށްޓަކައި 2 އާއޯ ޕްލާންޓް ބެހެއްޓުމާއި، ފެން ރައްކާ ކުރުމަށްޓަކައި 3 ތާންގި ބެހެއްޓުން ހިމެނެއެވެ. އަދި ގޭގޭގައި ފެންމީޓަރު ބަހައްޓައި، ފެނުގެ ކަނެކްޝަން ގުޅައިދީ، މި ގެތަކަށް ރައްކާތެރި ބޯފެން ފޯރުކޮށް ދޭނެއެވެ.
ހަމައެއާއެކު، މި މަޝްރޫއުގެ ދަށުން ފެނުގެ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނަރޭޓަރު ސެޓާއި އަދި ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސަމާނު ފޯރުކޮށް ދިނުމަށް ހަމަޖެހިފައި ވާ ކަމަށް ވެސް އެމްޑަބްލިއުއެސްސީން ބުނެއެވެ.
ހަންޏާމީދޫގެ ފެނުގެ މަޝްރޫއަކީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ފަރާތުން ފެން ކުންފުންޏާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ. މި މަޝްރޫއުގެ މުއްދަތަކީ 22 މަސް ދުވަހެވެ. މި މަޝްރޫއަށް ޖުމްލަ 21 މިލިއަން ދިވެހި ރުފިޔާ ހަރަދުވާނެ ކަމަށް ލަފާ ކުރެވެއެވެ.
މި މަޝްރޫއުގެ މަސައްކަތް ނިމުމުން ހަންޏާމީދޫ ރައްޔިތުންނަށް ސާފު ބޯފެނުގެ ނިޒާމެއް ލިބިގެންދާނެއެވެ.