އަންނަ މެއި މަހު ފަލަސްތީނުގައި ކުރިއަށް ގެންދާ އާންމު އިންތިހާބުގައި ވާދަ ކުރައްވާ ކެންޑިޑޭޓުންގެ ނަންތަކާއެކު 36 ލިސްޓެއް ފާސްކޮށްފައި ވާ ކަމަށް، ފަލަސްތީނުގެ އިންތިހާބުތަކާ ބެހޭ އޮފިޝަލުން ވިދާޅުވެއްޖެއެވެ.

އަންނަ މަހު އޮންނަ އާންމު އިންތިހާބުގެ ވޯޓަކީ، 15 ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި ފަލަސްތީނުގައި ކުރިއަށް ގެންދާ، މިފަދަ ފުރަތަމަ އިންތިހާބެވެ.

ޖުލައި 31، 2021 އަށް، ރިޔާސީ އިންތިހާބުގެ ވޯޓުލުންވެސް ތާވަލުކޮށްފައި ވާ އިރު، މިއީ، ފަލަސްތީނުގެ ވެރިކަން ހިންގުމުގެ ނިޒާމަށް ބައިނަލްއަގުވާމީ ތާއީދު ހޯދުމަށް، ފަލަސްތީނުގެ އެންމެ ވަރުގަދަ ސިޔާސީ ހަރަކާތްތައް ކަމަށް ވާ ފަތަހަ އަދި ހަމާސް އިން އިސް ކުރަމުން އަންނަ މަސައްކަތުގެ ބައެއް ކަމަށް ބުނެއެވެ.

މެއި 22، 2021 ގައި ފަލަސްތީނުގައި ކުރިއަށް ގެންދާ އާންމު އިންތިހާބަށް ނަން ހުށަހެޅުމުގެ ފުރުސަތު، މިދިޔަ ބުދަ ދުވަހުގެ ނިޔަލަށް އޮތީ ހުޅުވާލާފައެވެ. ކެންޑިޑޭޓުންގެ ވަކިވަކި ނަންތައް، އަންގާރަ ދުވަހުގެ ވަގުތެއްގައި އިއުލާން ކުރާނެ ކަމަށް، ފަލަސްތީނުގެ އިންތިހާބުތަކާ ބެހޭ ކޮމިޝަނުން ބުނެއެވެ.

ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސްގެ ފަތަހަ ޖަމާއަތުން އިންތިހާބުގައި ވާދަ ކުރާއިރު، ފަލަސްތީނުގެ ކުރީގެ ލީޑަރު ޔާސިރު އަރަފާތަށް ބޮޑުބޭބެ ވިދާޅުވާ ނާސިރު އަލް-ކިދުވާ އިސްކޮށް ހުންނަވައިގެން ހިންގަވާ ސިޔާސީ ހަރަކާތަކީ ފަތަހައަށް އޮތް އެންމެ ބޮޑު ގޮންޖެހުން ކަމަށް ބެލެވެއެވެ.

ގައްޒާގެ ސެކިއުރިޓީ ޗީފްގެ ގޮތުގައި އައްބާސްގެ ދަށުން ކުރިން މަސައްކަތް ކުރެއްވި މުހައްމަދު ދަހްލާންވެސް ގެންދަވަނީ، ފަތަހަށް ގޮންޖައްސަވާ ކެންޑިޑޭޓުންނަށް ތާއިދު ކުރައްވަމުންނެވެ. އޭނާ މިވަގުތު ހުންނެވި އަބޫދާބީގައެވެ.

ހުޅަނގު އައްސޭރިއާއި ގައްޒާގައި ވޯޓުލުން ކުރިއަށް ގެންދިއުމަށް ފަތަހަ ޖަމާއަތާ ހަމާސްއިން އެއްބަސްވުމަކަށް އައިސްފައި ވާއިރު، އިސްރާއީލުން ވެރިވެގެންފައިވާ އިރުމަތީ ގުދުސްގައި ދިރިއުޅޭ ފަލަސްތީނުގެ ރައްޔިތުންގެ ވޯޓަށް ވާނެ ގޮތެއް އަދި ޔަގީނެއް ނުވެއެވެ.

އިސްރާއީލުން ވަނީ ފަލަސްތީނުގެ ރައްޔިތުންނަށް ގުދުސްގައި ސިޔާސީ ހަރަކާތް ނުހިންގޭނެ ކަމަށް ކަނޑައަޅާފައެވެ. ނަމަވެސް، ފަލަސްތީނުގެ ލީޑަރުން ގެންދަވަނީ، ގުދުސްގެ އިރުމަތީ ފަޅީގައި ވޯޓުލުން ކުރިއަށް ގެންދެވެން ޖެހޭނެ ކަމަށް ވިދާޅުވަމުންނެވެ.