ސްޕްރިންޓެންޑެންޓް އޮފް ޕޮލިސްގެ މަގާމު ފުރަތަމަ ފަހަރަށް އަންހެން 3 ފުލުހަކަށް ލިބިއްޖެއެވެ.

ފުލުހުން ބުނީ ސްޕްރިންޓެންޑެންޓް އޮފް ޕޮލިސްގެ ރޭންކަށް މަގާމުގެ ކުރިއެރުން ލިބިފައިވަނީ ޗީފް އިންސްޕެކްޓާ އޮފް ޕޮލިސްގެ މަގާމުގައި ތިއްބެވި ތިން އޮފިސަރުން ކަމުގައިވާ ފާތިމަތު ނަޝްވާ އާއި މަރިޔަމް އަޒްމާ އަދި އިޒްމިއާ ޒާހިރު ކަމަށެވެ.

ސްޕްރިންޓެންޑެންޓް އޮފް ޕޮލިސްގެ މަގާމު ލިބިލެއްވި އިރު ފާތިމަތު ނަޝްވާ ހުންނެވީ އަޕާ ނޯތު ޕޮލިސް ޑިވިޝަން ގެ ކޮމާންޑަރުގެ މަގާމުގައެވެ. ފުލުހުންގެ ހިދުމަތުގައި 25 އަހަރު ހޭދަ ކުރައްވާފައި ވާއިރު އެ މުއްދަތުގެ ތެރޭގައި އެޑްމިން އޮފިސަރެއްގެ މަގާމުން ފެށިގެން ޔުނިޓް ލެވެލްގައާއި ޑެޕިއުޓީ ހެޑްގެ މަގާމާއި ހެޑް އޮފް ޑިޕާޓްމަންޓްގެ މަގާމު ފުރުއްވާފައި ވެއެވެ.

ފާތިމަތު ނަޝްވާ ފަސްޓް ޑިގްރީ ހާސިލު ކުރެއްވީ މާސް ކޮމިއުނޭކޭޝަނުންނެވެ. އަދި މާސްޓާސް ޑިގްރީ ފުރިހަމަ ކުރައްވާފައި ވަނީ ބިޒްނަސް އެޑްމިނިސްޓްރޭޝަންއިންނެވެ. ނަޝްވާ އަށް 2018 ވަނަ އަހަރު ރެހެންދި އެވޯޑްސް ލިބިފައިވެއެވެ. އަދި ސައުތު އޭޝިއަން ޕާޓްނަޝިޕް ސަމިޓް އެންޑް ބިޒްނަސްގެ ފަރާތުން ޕަބްލިކް ސެކްޓާ އިން ހޮވި ސީއެސްއާރު ލީޑާޝިޕް އެވޯޑްވެސް ހާސިލުކޮށްފައިވެއެވެ. އޭގެ އިތުރުން 2018 ވަނަ އަހަރު ވިމެން އޮން ބޯޑް އެވޯޑްވެސް ލިބިލައްވާފައިވެއެވެ.

މަގާމު ލިބިލެއްވިއިރު ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އިޒްމިއާ ޒާހިރު ހުންނެވީ ހެޑް އޮފް އޯގަނައިޒޭޝަނަލް ރީފޯމް ޑިޕާރޓްމަންޓްގެ މަގާމުގައެވެ. ފުލުހުންގެ ހިދުމަތުގައި 16 އަހަރު ހޭދަކޮށްފައިވާއިރު އެ މުއްދަތުގައި އެކި ދާއިރާތަކުން އަގުހުރި ގިނަ މަސައްކަތްތަކެއްކޮށްފައިވާކަން ފާހަގަކުރެވެއެވެ.

އިޒްމިއާ ފުލުހުންގެ ތެރެއަށް ކޮމިޝަންޑް ކުރެވުނު މަދު އަންހެން އޮފިސަރުންގެ ތެރޭ ހިމެނިފައިވާއިރު ރާއްޖޭގެ ޑިވިޒަނެއްގައި ފުރަތަމަ ފަހަރަށް ޑިވިޒަން ކޮމާންޑަރުކަން ކުރެއްވި އަންހެން އޮފިސަރަކީ ވެސް އިޒްމިއާ ޒާހިރުއެވެ. އަދި މޯލްޑިވްސް ޕޮލިސް ސާވިސްގެ ސްޕޯކްސް ޕާސަންގެ މަގާމާއި ވިކްޓިމް ސަޕޯޓްގެ ހެޑްގެ މަގާމުވެސް ފުރުއްވާފައިވެއެވެ.

މާސްޓާސް ލެވެލްއަށް ތައުލީމު ހާސިލުކުރައްވާފައިވުމުގެ އިތުރުން ސިންގަޕޯ ޕޮލިސްއިން ހިންގާ ސީނިއާ އޮފިސާސް ބޭސިކް ކޯސް ފުރިހަމަކޮށްފައިވެއެވެ.

ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މަރިޔަމް އަޒުމާއަކީ ފުލުހުންގެ ހިދުމަތުގައި އެންމެ ދިގު މުއްދަތަކަށް ހިދުމަތްކުރައްވާފައިވާ އެއް އަންހެން އޮފިސަރެވެ. އެގޮތުން 25 އަހަރަށްވުރެ ދިގުމުއްދަތަކަށް ހިދުމަތްކޮށްފައިވެއެވެ. ސްޕްރިންޓެންޑެންޓްގެ މަގާމު ލިބިލެއްވިއިރު އަޒުމާ މިވަގުތު ހުންނެވީ ސެންޓްރަލް ޕޮލިސް ޑިވިޒަންގެ ޑިވިޒަން ކޮމާންޑަރުގެ މަގާމުގައެވެ.

ހިދުމަތުގެ އެންމެ ދިގު މުއްދަތެއްގައި އިންވެސްޓިގޭޝަންގެ ދާއިރާގައި ހޭދަކޮށްފައިވާއިރު ޔުނިޓް ލެވެލްގައާއި ޑިޕާޓްމަންޓްލެވެލްގެ އިސް މަގާމުތައް ފުރުއްވާފައިވެއެވެ. އެގޮތުން ހެޑް އޮފް ވިކްޓިމް ސަޕޯޓްގެ މަގާމާއި ފެމެލީ އެންޑް ޖެންޑާ އެފެއާޒް ޑިޕާޓްމަންޓްގެ ހެޑްކަން ވެސް ކުރައްވާފައިވެއެވެ.