މި އަހަރު ދައުލަތުގެ ބަޖެޓް ޑެފިސިޓް 1.7 ބިލިއަން ރުފިޔާއަށް އަރައިފިއެވެ.

މިއީ މިދިޔަ މަޗް މަހު 25 ވަނަ ދުވަހުގެ ނިޔަލަށް ބަޖެޓް ޑެފިސިޓް ވެފައިވާ މިންވަރެވެ. ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މު މުއްދަތުގައި ޖުމްލަ އާމްދަނީގެ ގޮތުގައި ދައުލަށް ލިބިފައި ވަނީ 4.1 ބިލިއަން ރުފިޔާއެވެ. އޭގެ ތެރެއިން 3.3 ބިލިއަން ރުފިޔާއަކީ ޓެކްސްގެ ގޮތުގައި ހޯދި ފައިސާއެެވެ. އަދި ޓެކްސް ނޫން އާމްދަނީގެ ގޮތުގައި، 741 މިލިއަން ރުފިޔާ ހޯދާފައި ވާއިރު، ހިލޭ އެހީގެ ގޮތުގައި ލިބުނު 9.2 މިލިއަން ރުފިޔާގެ އިތުރުން ކެޕިޓަލް ރިސިޕްޓްގެ ގޮތުގައި 2.6 މިލިއަން ރުފިޔާ ވެސް ހިމެނެއެވެ.

މި އާމްދަނީ އިން، ވަނީ ސަބްސިޑަރީ ލޯނު ދެއްކުމަށް 0.7 މިލިއަން ރުފިޔާގެ ލުޔެއް ދީފައެވެ. އެހެންކަމުން އެ އަދަދު އާމްދަނީގެ ގޮތުގައި ނުބަލައެވެ.

މިއަހަރު ޕެންޝަނާއި، މުސާރައާއި އިނާޔަތްތަކުގެ ގޮތުގައި 2.2 ބިލިއަން ރުފިޔާ ހޭދަކޮށްފައި ވާއިރު، އިދާރީ ހަރަދުތަކަށް 1.9 ބިލިއަން ރުފިޔާ އަދި ގެއްލުމުގެ ގޮތުގައި ނުވަތަ އަނބުރާ ނުލިބޭނެ ފައިސާގެ ގޮތުގައި 187 މިލިއަން ރުފިޔާ ވަނީ ހަރަދު ކޮށްފައެވެ. އަދި މުދަލާއި، އިމާރާތްތައް އަދި ތަރައްގީގެ މަޝްރޫއުތައް ފަދަ ކަންކަމަށް ޖުމްލަ 1.3 ބިލިއަން ރުފިޔާ ހޭދަކޮށްފައި ވާއިރު، ލޯނުގެ ގޮތުގައިި 47 މިލިއަން ރުފިޔާ ވަނީ ހަރަދު ކޮށްފައެވެ.

އާމްދަނީއަށް 4.1 ބިލިއަން ލިބުނުއިރު، 5.9 ބިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ. އެއީ ބަޖެޑް ޑެފިސިޓްގެ ގޮތުގައި 1.7 ބިލިއަން ރުފިޔާއެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، ވޭތުވެދިޔަ ހަފްތާ (މާޗް 21 އިން 25 އަށް)ގެ ތެރޭގައި އާމްދަނީގެ ގޮތުގައި ލިބުނު ފައިސާ އެއްކޮށް ހަރަދުކޮށްފައިވާއިރު، މިދިޔަ ހަފްތާގައި ދައުލަތަށް ފައިދާއެއް ވެސް ގެއްލުމެއް ވެސް ނުކުރެއެވެ.