ފަރުވާއެއް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ގެ ކޭސްތައް އިތުރުވަމުން ދިއުމާ ގުޅިގެން، އަވަށްޓެރި ބަންގްލަދޭޝް، 7 ދުވަހުގެ މުއްދަތަށް ލޮކްޑައުން ކުރަން ނިންމައިފިއެވެ.

ލޮކްޑައުން ކުރުމާ ބެހޭ ގޮތުން މީޑިއާއަށް މައުލޫމާތު ދެއްވަމުން، ބަންގްލަދޭޝްގެ ރޯޑް ޓްރާންސްޕޯޓް މިނިސްޓަރު، އުބައިދުލް ގުއާދިރު ވިދާޅުވީ، ލޮކްޑައުންގެ އަމުރު ތަންފީޒު ކުރަން ފަށާނީ ހޯމަ ދުވަހު ކަމަށެވެ.

ބަންގްލަދޭޝްގެ ސްޓޭޓް މިނިސްޓާ ފޮ ޕަބްލިކް އެޑްމިނިސްޓްރޭޝަން، ފަރުހާދު ހުސައިން ވިދާޅުވީ، ހުރިހާ އޮފީސްތަކާ ކޯޓުތައްވެސް ލޮކްޑައުންގެ މުހުލަތުގައި ބަންދު ވާނެ ކަމަށެވެ. ނަމަވެސް ސިނާއީ މަސައްކަތް ކުރާ ތަންތަން ހުޅުވާ، އޮޕަރޭޝަންތައް ކުރިއަށް ދާނެ ކަމަށެވެ.

ސިނާއީ މަސައްކަތް ކުރާ ތަންތަން ބަންދު ކުރަން ނިންމާފައި ނުވަނީ، އެ ތަންތަން ބަންދުކޮށްފިނަމަ މަސައްކަތްތެރިންނަށް ގެއަށް ދާން މަޖުބޫރު ވެދާނެތީ ކަމަށްވެސް ހުސައިން ވަނީ ވިދާޅުވެފައެވެ.

ބަންގްލަދޭޝްގެ ތަފާސް ހިސާބުތަކަށް ބަލާއިރު، މިދިޔަ ބުދަ ދުވަހު އެ ގައުމުން ރެކޯޑް އަދަދަކަށް ކޮވިޑް ކޭސްތައް ރިޕޯޓް ކޮށްފައެވެ. އެދުވަހު 5358 ކޭހެއް ރެކޯޑް ކޮށްފައި ވާއިރު، ހާލަތު އަދިވެސް ރަނގަޅު ނުވާ ކަމަށް މައުލޫމާތު ލިބެއެވެ.