އުރުދުންގެ ސަރުކާރަށް ފާޑުކިޔާ ފަރާތްތަކާ ދެކޮޅަށް ހިންގާ ހާއްސަ އޮޕަރޭޝަންގެ ތެރެއިން މިވަގުތު އޭނާވެސް ހުރީ ގޭ ބަންދުގައި ކަމަށް، އުރުދުންގެ ކުރީގެ ވަލީއަހުދު، އަމީރު ހަމްޒާ ބިން ހުސައިން ވިދާޅުވެއްޖެއެވެ.

އޭނާގެ ވަކީލު މެދުވެރިކުރައްވާ، ބީބީސީއަށް ދެއްވި ވީޑިއޯ މެސެޖެއްގައި އަމީރު ހަމްޒާ ވަނީ، އުރުދުންގެ ޢަބްދުﷲ ރަސްގެފާނަށް، ބޮޑެތި ފާޑުވިދާޅުވުންތަކެއް އަމާޒު ކުރައްވާފައެވެ. އެގޮތުން، ޢަބްދުﷲ ރަސްގެފާނަކީ ކަމަށް ނާގާބިލު، ކޮރަޕްޓް ވެރިއެއް ކަމަށާ، އެއީ ފުރައްސާރަވެސް ކުރައްވާ ވެރިއެއް ކަމަށް އޭނާ ވަނީ ތުހުމަތު ކުރައްވާފައެވެ.

އުރުދުންގެ ކަމާ ބެހޭ ފަރާތްތަކުން ވަނީ، ބަޣާވާތެއް ކުރަން އުޅޭ ކަމުގެ ތުހުމަތުގައި، އެ ގައުމުގެ މަތީ ފަންތީގެ ގިނަ ބޭފުޅުންތަކެއް ހައްޔަރަށް ގެންގޮސްފައެވެ. ނަމަވެސް އަސްކަރިއްޔާއިން މީގެ ކުރިން ވަނީ އަމީރު ހަމްޒާ ހައްޔަރު ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގު ކޮށްފައެވެ.

ގައުމުގެ ހަމަޖެހުމާއި ސަލާމަތަށް ނުރައްކާ ވެދާނެ އަމަލުތައް ހުއްޓުވުމުގެ އަމުރެއް، އަސްކަރިއްޔާގެ މައްޗަށް ނެރެފައި ވާކަމަށް އުރުދުންގެ އަސްކަރިއްޔާއިން ބުނެއެވެ.

އުރުދުންގެ ކަމާ ބެހޭ ފަރާތްތަކުން އަމީރު ހަމްޒާ ހައްޔަރު ކުރީ، އެ ގައުމުގެ ގަބީލާ ލީޑަރުންނާ ބައްދަލު ކުރައްވާ، ތާއީދު ހޯއްދެވުމުން ކަމަށް ބުނެވެއެވެ. ނަމަވެސް އަމީރު ހަމްޒާ ވަނީ، ނުބައި ރޭވުމެއްގެ ފަހަތުގައި އޭނާ ނުހުންނަވާނެ ކަމަށް ވިދާޅުވެފައެވެ. އޭނާ އިތުރަށް ވިދާޅުވީ، ދައުލަތުގެ މުއައްސަސާތަކާ މެދު މީހުންގެ އިތުބާރު ގެއްލުމަކީ އޭނާ ކުރާނެ ކަމެއް ނޫން ކަމަށެވެ.

މަތީ ފަންތީގެ ލީޑަރުން ހައްޔަރު ކުރުމަކީ، އުރުދުންގައި އާންމު ކަމެއް ނޫނެވެ. ނަމަވެސް ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމާއެކު، އެ ގައުމުގެ ޖާސޫސީ އިދާރާއަށް، އާދަޔާ ހިލާފު ބާރުތަކެއް ދިން ކަން ފާހަގަ ކުރަންޖެހެއެވެ. އަދި އިންސާނީ ހައްގުތަކަށް ވަކާލާތު ކުރާ ޖަމިއްޔާތަކުން ވަނީ، މިކަމަށް ފާޑުވެސް ކިޔާފައެވެ.

އަމީރު ހަމްޒާއަކީ އުރުދުންގެ ހުސައިން ރަސްގެފާނުގެ އެންމެ ދޮށީ ދަރިކަލުންނެވެ. އަދި އަނބިކަނބަލުން، ރާނީ ނޫރު އެންމެ ލޯބިފުޅުވި ދަރިކަލުންވެސްމެއެވެ. އުރުދުންގެ ވަލީއަހުދު ކަމުގެ މަގާމަށް އަމީރު ހަމްޒާ އިސްކުރެވުނީ 1999 ވަނަ އަހަރުއެވެ. ނަމަވެސް ހުސައިން ރަސްގެފާނު އަވަހާރަވީއިރު، އަމީރު ހަމްޒާގެ އުމުރު ހަގުކަމަށް ކަނޑައަޅާ، ރަސްކަމަށް އިސް ނުކުރާން ނިންމިއެވެ. އޭގެ ބަދަލުގައި މިހާރުގެ ޢަބްދުﷲ ރަސްގެފާނު، ވެރިކަމާ ހަވާލުވެވަޑައިގެން، 2004 ވަނަ އަހަރު، ވަލީއަހުދުގެ މަގާމު، އަމީރު ހަމްޒާގެ ކިބައިން ނެންގެވިއެވެ.