ގދ. ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގައި އަލަށް ހަދާ އިމާރާތުގެ އަމަލީ މަސައްކަތް އަންނަ އޮގަސްޓް މަހު ފަށާނެ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

މި ސަރުކާރުގެ ސިއްހީ ދާއިރާގެ މަސައްކަތްތަކުގެ ތަފްސީލް ހާމަކުރަމުން ރައީސް އޮފީހުން ބުނީ، ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގައި އަލަށް ހަދާ އިމާރާތުގެ މަސައްކަތާއި މިހާރު ހުރި އިމާރާތުގެ އޯޕީޑީ އޭރިއާ އީއާރްއަކަށް ބަދަލު ކުރަން ނިންމާފައިވާ ކަމަށެވެ. އެގޮތުން އެ ޕްރޮޖެކްޓް މޮބިލައިޒް ކޮށް އަންނަ އޮގަސްޓް މަހުގެ 16 ވަނަ ދުވަހު އެ ސައިޓްގައި އަމަލީ މަސައްކަތް ފަށާނެ ކަމަށް ރައީސް އޮފީހުން ބުނެއެވެ.

އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި އަލަށް ހަދާ އިމާރަތުގައި 14 އޯޕީޑީ ރޫމް ހިމެނޭ އޯޕީޑީ އޭރިއާއެއް ހިމެނުމަށް ވަނީ ހަމަޖެހިފައެވެ. ހަމައެއާއެކު 2 ލޭބާ ސޫޓް އަދި އެންއައިސީޔޫ ހިމެނޭނެ ކަމަށާއި 4 ޕްރައިވެޓް ރޫމު ހިމެނޭނެ ކަމަށް ވެސް ރައީސް އޮފީހުން ބުނެއެވެ.

މި ދައުރުގެ ތެރޭގައި އެ ހޮސްޕިޓަލަށް ގިނަ ބަދަލުތަކެއް މިވީ ދުވަސްތަކުގެ ތެރޭގައި ގެނެސްފައިވާ ކަން ފާހަގަ ކުރަމުން އެ ހޮސްޕިޓަލުން ދޭން ފަށާފައިވާ އާ ހިދުމަތްތައް ރައީސް އޮފީހުން ހިއްސާ ކުރިއެވެ. އެގޮތުން އޮޕްޓިމައިޒޭޝަން ޕްރޮޖެކްޓުން ފިޒިއޮތެރަޕީގެ ހިދުމަތަށް ބޭނުންވާ ޒަމާނީ އިތުރު އިކުއިޕްމަންޓްތައް ގެނެވި ހިދުމަތް ފުޅާކޮށް ފުރިހަމަ ކުރެވިފައި ވެއެވެ. މޭޖާ ސާޖަރީތައް ހެދުމަށް ބޭނުންވާ އާލަތްތައް ހޮސްޕިޓަލަށް ފޮނުވާފައި ވާ ކަަމަށާއި އީއެންޓީ ހިދުމަތާއި ލޮލުގެ ފަރުވޭ ދޭން ފަށާފައިވާ ކަމަށް ރައީސް އޮފީހުން ބުނެއެވެ.

ހަމައެއާއެކު ސީޓީ އާއި މެމޯގްރަފީ ބެހެއްޓުމަށް ބޭނުންވާ އިމާރާތް ނިމިފައިވާއިރު، ވޯޑުތައް އޭސީކޮށް މިހާރު ވަނީ ނިމިފައެވެ. އަދި ހޮސްޕިޓަލާއި އޮފީސް އިމާރާތުގައި ކުރަން ހުރި މަރާމާތުތައް ކޮށް ނިމިފައިވާ ކަމަށް ވެސް ރައީސް އޮފީހުން ބުނެއެވެ.

މީގެ އިތުރުން ކޮވިޑް ބަލި މީހުންނަށް ފަރުވާ ދިނުމަށް ރީޖަނަލް އައިސީޔޫ ފެސިލިޓީއެއް ގާއިމުކުރެވި، އެ ތަނަށް ބޭނުންވާ ގިނަ އަދަދެއްގެ އިކުއިޕްމަންޓުތައް ފޮނުވާފައިވާ ކަމަށާއި ސައިކޭޓްރިސްޓް ހިދުމަތް ތައާރަފް ކޮށް އެ ހިދުމަތް ވެސް މިހާރު ދެމުންދާ ކަމަށް ރައީސް އޮފީހުން ބުނެއެވެ.