މަސްތުވާތަކެތީގެ މައްސަލައިގައި ހައްލެއް ލިބިގެން ދާނީ މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަސޭހައިން ފަރުވާ ދެވޭނެ ގޮތެއް ހަމަޖެއްސިގެން ކަމަށް ނޭޝަނަލް ޑްރަގް އެޖެންސީ އެންޑީއޭގެ މެންބަރު އަބްދުލް ހަމީދު ވިދާޅުވެއްޖެއެވެ.
'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން ހަމީދު ވިދާޅުވީ، ރާއްޖޭގައި މަސްވާތަކެތީގެ ވަބާގެ މައްސަލަތައް ހަލު ކުރުމަށް ގިނަ މަސައްކަތްތަކެއް މިހާރު ވެސް ކުރަމުންދާ ކަމަށެވެ. އަދި ކޯޓުތަކަށް ހުށަހެޅޭ މައްސަލަތައް އަވަހަށް ނިންމާލެވުނު ނަމަވެސް އެފަދަ ކުށްކުރާ ޒުވާނުންނަށް ފަސޭހައިން ފަރުވާ ދެވޭނެ ނިޒާމް އަވަހަށް ހައްލުކޮށް އެ ހިދުމަތް އަވަހަށް ފޯރުކޮށްދޭން ޖެހޭ ކަމަށެވެ.
އެގޮތުން ފަރުވާ ދޭން ޖެހޭ މީހުންނަށް ފަރުވާ ދިނުމަށް ޕްރޮގްރާމެއް ގާއިމްކޮށް އެ ޕްރޮގްރާމަށް އަމަލު ކުރަމުންދާ ތާ އެތައް އަހަރުތަކެއް ވެފައި ވަނިކޮށް މިހާރު އެ ޕްރޮގްރާމަށް ބަދަލުތަކެއް ގެނެސްގެން އަމަލު ކުރަމުންދާ ކަމަށް ހަމީދު ވިދާޅުވިއެވެ. މިހާރު ނެޝަނަލް ސްޓޭންޑަޑް އެއް ގާއިމް ކުރެވި އެ ކަމަށް އިތުރަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އެންޑީއޭއިން ފަރުވާ ހޯދުމަށް ވެއިޓްލިސްޓްގައި ކިއުގައި ގިނަ އަދަދެއްގެ މީހުން ތިބޭ ކަމަކީ އަބަަދުވެސް މި ފަރުވާ ހޯދާ ފަރާތްތަކާއި އާންމުންގެ މެދުގައި އޮންނަ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ. ނަމަވެސް މިފަހުން މި ކިއު ވަރަށް އަވަސް ސްޕީޑެއްގައި ދަށަށް ދާކަން ވަނީ ފާހަގަ ކުރެވިފައެވެ.
މިކަމާ ގުޅިގެން ހަމީދު ވިދާޅުވީ، އެންޑީއޭއިން ފަރުވާ ހޯދުމަށް ވެއިޓް ލިސްޓް ކިއުގައި ތިބި މީހުންގެ އަދަދު ދަށަށް ގޮސްފައި ވަނީ މިދިޔަ ދެތިން މަހެއްގެ ތެރޭގައި ކުރެވުނު ބައިވަރު މަސައްކަތްތަކަކާ ގުޅިގެން ކަމަށެވެ. އޭގެތެރެއިން އެންމެ ހާއްސަކޮށް ފާހަގަކޮށްލެވޭ އެއް މަސައްކަތަކީ އެކަމަށް ފަރުވާ ދިނުމަށް ހުޅުވަފައިވާ ކްލިނިކް އިން މެންޓަލް ހެލްތް ކޭސްތަކަށް އައުޓް ޕޭޝަންޓްކޮށް ހިދުމަތް ދެވެން ފެށުން ކަމަށް ހަމީދު ވިދާޅުވިއެވެ.
ހަމައެއާއެކު ރަށްރަށުގައި ތިބެގެން ކޮމިއުނިޓީ ފަރުވާގެ ކަންކަން ނިމޭނެ ގޮތަށް އިންތިޒާމް ކުރަން ނިންމުމާއި މިހާރު ގއ. ވިލިގިނލީގައި ކޮމިނިއުޓީ ފަރުވާ ދިނުމުގެ ކަންކަން ހަމަޖެހިގެން ދިއުމާއި މެޑިކަލް ޓްރީޓްމަންޓްތަކެއް ވެސް ފެށިގެން ދިއުމަކީ ކިއު މަދު ވާން ދިމާވާ ސަބަބުތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ. މި މަސައްކަތްތައް ފާހަގަ ކުރައްވަމުން ހަމީދު ވިދާޅުވީ، ގއ. ވިލިނގިލިން މަރުކަޒެއްގައި ބަހައްޓައިގެން ފަރުވާ ދޭން ޖެހޭ ކުދިން ވެއިޓް ލިސްޓަށް ނާންނާނެ ކަމަށެވެ.
މީގެ އިތުރުން ޕްރިވެޓް ސެކްޓާ، އެންޖީއޯސް، އަމައްލަ ފަރުދުން އަދި ކޮމްޕެނީސްތައް ހިމެނޭ ގޮތަށް ރިހެބިލިޓޭޝަން ސާވިސް ދިނުމަށް މިހާރު ވަނީ އިއުލާން ކުރެވިފައި ކަމަށް އޭނާ ވިދާޅުވިއެވެ. މި މަސައްކަތްތައް ފެށި އަދި މި މަައްކަތްތައް ހަލުވި ސްޕީޑެއްގައި ދިއުމަކީ މަސްތުވާތެކތީގެ ވަބގައި ޖެހިފައި ތިި މީހުންނަށް ފަރުވާ ލިބި މި މައްސަލައަށް އަވަސް ހަލެއް ލިބިގެން ދާނެ ކަމެއްގެ ގޮތުގައި ހަމީދު ފާހަގަ ކުރެއްވިއެވެ.