މި ހިނގާ 2021 ވަނަ އަހަރު ރާއްޖެ އައި ފަތުރުވެރިންގެ ތެރެއިން 1045 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައި ވާ ކަން ހާމަ ވެއްޖެއެވެ.

ޓޫރިޒަމް މިނިސްޓްރީން ނެރުނު ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރު މިހާތަނަށް ރާއްޖެ އައިސްފައި ވަނީ 298،570 ފަތުރުވެރިންނެވެ. އޭގެ ތެރެއިން ޕޮޒިޓިވްވީ 0.35 ޕަސަންޓް ފަތުރުވެރިންނެވެ. އެއީ 1045 މީހުންނެވެ.

ކޮވިޑުން ރައްކާތެރި ވުމުގެ ފިޔަވަޅެއްގެ ގޮތުން ރާއްޖޭގެ ބޯޑަރު ބަންދު ކުރުމަށް ފަހު އަލުން ހުޅުވާލީ މިދިޔަ އަަހަރުގެ ޖުލައި މަހުގެ 15 ވަނަ ދުވަހެވެ. އެ ދުވަހުން ފެށިގެން ޑިސެމްބަރު 2020ގެ ނިޔަލަށް ރާއްޖެ އައި 169،964 ފަތުރުވެރިންގެ ތެރެއިން ޕޮޒިޓިވް ވީ 224 ފަތުރުވެރިންނެވެ. އެއީ އެ މުއްދަތުގައި ރާއްޖެ އައި ފަތުރުވެރިންގެ ނިސްބަތުން ބަލާއިރު، 0.19 ޕަސަންޓް މީހުންނެވެ.

ރާއްޖެ އަންނަ ފަތުރުވެރިންގެ ތެރެއިން ބަޔަކު ޕޮޒިޓިވް ވެފައި ވާއިރު، ރާއްޖޭގެ ޓޫރިޒަމް ސިނާއަތުގެ ފްރޮންޓްލައިންގައި މަސައްކަތް ކުރާ ގިނަ ބަޔަކު ކޮވިޑް-19 އާ ދެކޮޅަށް ދިފާއު ހޯދުމަށް ވެކްސިން ޖަހާފައި ވާކަން ފާހަގަ ކޮށްލެވެއެވެ. އެގޮތުން 17،516 މީހަކު ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައެވެ.

އޭގެ ތެރެއިން 16،765 މީހުންނަކީ ރިސޯޓްތަކުން ވެކްސިން ޖެހި މީހުންނެވެ. އަދި ގެސްޓްހައުސްތަކުން 306 މީހަކާއި ކަނޑުމަތީގެ އުޅަނދުތަކުގައި އުޅޭ މީހުންގެ ތެރެއިން 220 މީހަކު އަދި ހޮޓެލްތަކުން 60 މީހަކު ވެސް ވަނީ ވެކްސިން ޖަހާފައެވެ. މީގެ އިތުރުން ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރާ ފަންނުވެރިންގެ ތެރެއިން 64 މީހަކާއި ޓްރެވެލް އެޖެންސީތަކުން 24 މީހެއްގެ އިތުރުން ޓޫރިޒަމް މިނިސްޓްރީގެ 67 މުވައްޒަފުން ވެސް ވަނީ ވެކްސިން ޖަހާފައެވެ.

ރާއްޖެ ޒިޔާރަތް ކުރާ ފަތުރުވެރިންގެ އަދަދު ގިނަވަމުން ދާއިރު، ރާއްޖޭގައި ވެކްސިން ޖެހި މީހުންގެ އަދަދު ވެސް ގިނަވަމުން ދާކަން ފާހަގަ ކޮށްލެވެއެވެ. އެގޮތުން، މިހާތަނަށް ރާއްޖެއިން ޖުމްލަ 240،773 މީހަކު ވަނީ ވެކްސިން ޖަހާފައެވެ.