މި އަހަރުގެ ފެބުރުއަރީ މަހުގެ ފުރަތަމަ ދުވަހު، މިޔަންމާގެ އަސްކަރިއްޔާއިން އެ ގައުމުގައި އަސްކަރީ ބަޣާވާތެއް ކޮށް، މަދަނީ ސަރުކާރު ވައްޓާލިފަހުން މިހާތަނަށް، އެ ގައުމުގެ އަސްކަރިއްޔާއިން، 43 ކުޑަކުއްޖަކު މަރާލާފައި ވާ ކަމަށް، ހައްގުތަކަށް ވަކާލާތު ކުރާ ޖަމިއްޔާ، "ސޭވް ދަ ޗިލްރަން" އިން ރިޕޯޓް ކޮށްފިއެވެ.
"ސޭވް ދަ ޗިލްރަން" އިން ބުނީ މިޔަންމާ އޮތީ އިންތިހާ ނާމާން ކަމުގެ ތެރޭގައި ކަމަށާ، މިހާތަނަށް މަރާލި އެންމެ ހަގު ކުއްޖާގެ އުމުރަކީ 6 އަހަރު ކަމަށެވެ.
މިޔަންމާގެ މަސްރަހު ވިލަރެސް ކުރަމުން އަންނަ ދާހިލީ ގުރޫޕަކުން ބުނާ ގޮތުގައި، އަސްކަރިއްޔާގެ ބަޣާވާތަށް ފަހު، މަރާލާފައި މީހުންގެ އަދަދު 536 އަށް ވަނީ އަރާފައެވެ.
ކަން މިހެން އޮތްއިރު، އަސްކަރިއްޔާގެ ބެލުމުގެ ދަށުގައި ހުރި މިޔަންމާގެ މަދަނީ ލީޑަރު، އާންގް ސަންގް ސޫޗީއާ ދެކޮޅަށް އިތުރު ދައުވާއެއް މިހާރު ވަނީ އުފުލާފައެވެ. ސޫޗީއާ ދެކޮޅަށް ދައުވާ އުފުލާފައި ވަނީ، މިޔަންމާ ރަސްމީ ސިއްރުތަކާ ބެހޭ ގާނޫނުގެ ދަށުން ކަމަށް ހަބަރު ލިބެއެވެ.
އަސްކަރިއްޔާގެ ބާރުގެ ދަށަށް ގެންދިޔަ ފަހުން ސޫޗީއާ ދެކޮޅަށް އުފުލި އިތުރު ދައުވާތަކުގެ ތެރޭގައި ގަވައިދާ ހިލާފަށް ވޯކީ-ޓޯކީ ގެންގުޅުމުގެ ކުށުގެ ދައުވާ، މިދިޔަ އަހަރުގެ ކެމްޕޭންގައި ކޮވިޑް-19ގެ ރައްކާތެރި ކަމުގެ ފިޔަވަޅުތަކާ ހިލާފުވުމުގެ ކުށުގެ ދައުވާ އަދި އަދި ބިރުވެރިކަން އުފައްދަނިވި މައުލޫމާތު ޝާއިއު ކުރުމުގެ ކުށުގެ ދައުވާ ހިމެނެއެވެ.
މިޔަންމާގެ އަސްކަރީ ބަޣާވާތާ ދެކޮޅަށް އެ ގައުމުގައި ސިލްސިލާ ގޮތެއްގައި މުޒާހަރާތައް ކުރިއަށް ދާއިރު، ސަލަމާތީ ބާރުތަކާ އާންމުންނާ ދެމެދު ހިންގާ ކުރިމަތިލުންތަކުގައި އަނިޔާ ލިބޭ ކުޑަކުދިންގެ އަދަދުވެސް ގިނަ ކަން، "ސޭވް ދަ ޗިލްރަން" އިން ފާހަގަ ކުރެއެވެ. މީގެ އިތުރުން، ނަފްސާނީ ގޮތުން ކުދިންނަށް ކުރާ ނޭދެވޭ އަސަރުތައްވެސް އެ ޖަމިއްޔާއިން ވަނީ ފާހަގަ ކޮށްފައެވެ.