މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުالله ޝަމާލް، ބަންގްލަދޭޝް އަސްކަރިއްޔާއަށް އެ ގައުމުގެ މިނިވަން ދުވަހުގެ ތަހުނިޔާ އާއި ރާއްޖެއަށް އެ ގައުމުން ފޯރުކޮށް ދޭ އެހީތެރިކަމަށް ޝުކުރެއް އަދާ ކުރައްވައިފިއެވެ.

ޝާމްލް ޝުކުރު އަދާކުރައްވާ މަރުހަބާ ދަންނަވާފައި ވަނީ ބަންގްލަދޭޝްގެ އަސްކަރިއްޔާގެ އާމީ ޗީފް އޮފް ސްޓާފް ޖެނެރަލް އަޒީޒް އަހްމަދުގެ ދައުވަތަކަށް އެ ގައުމަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުގައެވެ.

އެގޮތުން މިއަދު ހެނދުނު ޝަމާލް ވަނީ އެ ގައުމުގެ އަސްކަރިއްޔާގެ ޝަހީދުންނަށް އިހުތިރާމް އަދާ ކުރެއްވުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތެއްގައި ބައިވެރިވަޑައިގެންފައެވެ. އެ ރަސްމިއްޔާތަށް ފަހު ޗީފް އޮފް ޑިފެންސް ފޯސްގެ ޝަރަފުގައި ގާޑް އޮފް އޮނާއެއް އެއް ޝަމާލް ވަނީ އިންސްޕެކްޓް ކޮށްދެއްވާފައެވެ. އަދި އެގައުމުގެ ޗީފް އޮފް އާމީ ސްޓާފް ޖެނެރަލް އަޒީޒް އަހްމަދާ އެކު ޝަމާލް ވަނީ ރަސްމީ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގެންފައެވެ.

އެ ބައްދަލުވުމުގައި ޝަމާލް ވަނީ ބަންގްލަދޭޝްގެ 50 ވަނަ މިނިވަން ދުވަހުގެ ތަހުނިޔާ އާއި މުބާރަކްބާދީ، ބަންގްލަދޭޝްގެ އަސްކަރިއްޔާގެ އެންމެހާ ފަރާތްތަކަށް ރައީސުލުޖުމްހޫރިއްޔާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަދި ދިވެހި ސިފައިންގެ ނަމުގައި އަދާކުރައްވާފައެވެ. ބަންގްލަދޭޝްއާއި ރާއްޖެއާ ދެމެދުގައި އޮންނަ ގާތް ގުޅުންތަކާ އަދި އެ ގައުމުގެ އަސްކަރިއްޔާއިން ދިވެހިންނަށް ބޮޑެތި ދަތިތައް ދިމާވާ ކޮންމެ ފަހަރަކު ވެދޭ ފުރިހަމަ އެހީތެރިކަމަށް ވެސް ޝަމާލް ޝުކުރުއަދާ ކުރެއްވިއެވެ. މީގެ އިތުރުން، ދިވެހި އަސްކަރިއްޔާ އިތުރަށް ހަރުދަނާ ކުރުމަށް ސަރުކާރުގެ ފަރާތުން ކުރާ މަސައްކަތުގައި އިތުރު ތަމްރީން ފުރުސަތުތަކާއި އަދި އެހެނިހެން ފަންނީ އެހީތެރިކަން ހޯދުމުގެ މަޝްވަރާތައް ކުރެއްވިއެވެ.

ޖެނެރަލް އަޒީޒްގެ ވާހަކައިގައި، އެ ގައުމަކީ ދިވެހިރާއްޖެއާ ވަރަށް ހާއްސަ ގުޅުމެއް އޮންނަ ގައުމެއްކަ މާއި އަދި ދެ ގައުމުގެ އަސްކަރިއްޔާގެ ގުޅުން އިތުރަށް ވަރުގަދަ ކުރުމަށް އެމްއެންޑީއެފަށް ބޭނުންވާ އަސްކަރީ އަދި ފަންނީ އެހީތެރިކަން ދިނުމުގައި ދެމިހުންނަވާނެ ކަން ވަނީ ފާހަގަ ކުރައްވާފައެވެ.

އެއަށްފަހު ބަންގްލަދޭޝްގެ ނޭވަލް ޗީފް އޮފް ސްޓާފް އެޑްމިރަލް އެމް. ޝަހީން އިގްބާލާ އެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ޝަމާލް ވަނީ ދެގައުމުގެ ޒަމާންވީ ގުޅުމަށް އަލި އަޅުއްވާލައްވާ އެގައުމުގެ ނޭވީގެ ފަރާތުން ލިބޭ ތަމްރީން ފުރުސަތުތަކާއި އަދި ދިވެހިންނަށް ދިމާވާ ކާރިސާތަކުގައި ދެއްވާ އެހީތެރިކަމަށް ވެް ޝުކުރު އަދާ ކުރައްވާފައެވެ. އަދި ކުރިމަގުގައި ދިވެހި ސިފައިންނަށް ބޭނުންވާ އިތުރު ތަމްރީން ހޯދުމާ ބެހޭ ގޮތުން ވެސް ވަނީ މަޝްވަރާ ކުރައްވާފައެވެ.