މިއަދު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މާލޭ ބަނދަރުގައި އޮތް ފެރީއެއް ބަލައި ފާސްކޮށް ގިނަ އަދަދެއްގެ ބަނގުރަލާއެކު 4 މީހަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނީ، މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށާށް ގެނެސްފައި ވަނީ 3 ބިދޭސީއަކާއި އެއް ދިވެއްސެއް ކަމަށެވެ. މި މައްސަލައިގައި ހައްޔަރު ކުރީ ކޮން ގައުމަކަށް ނިސްބަތްވާ ބިދޭސީންތަކެއް ކަން ފުލުހުން ހާމައެއް ނުކުރެއެވެ. އަދި ގިނަ އަދަދެއްގެ ބަނގުރާ ފެނިފައިވާ ކަމަށް ފުލުހުން ބުނެފައި ވީ ނަމަވެސް އޭގެ ސީދާ އަދަުދވެސް ފުލުހުން ހާމަ ކޮށްފައެއް ނުވެއެވެ.

ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން މާލޭގައި ކުރިއަށް ގެންދާ ހާއްސަ އޮޕަރޭޝަނެއްގައި ފެރީއެއް ބަލާ ފާސްކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައި ވަނީ މިއަދު ހަވީރުގެ ވަގުތެއްގައެވެ. އަދި އެވަގުތު އެ ފެރީ އޮތް ސަރަހައްދު ވަނީ ބަންދު ކޮށްފައެވެ. ފެރީ އޮތީ މާލެ-ހުޅުލެ ފެރީ ކުރީން އޮންނަ ސަރަހައްދުގައެވެ.

ފުލުހުން ބުނީ މި މައްސަލަ އަދި އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.