އެމްޑީޕީގެ ފުރަތަމަ ރައީސް އަދި މަންދު ކޮލެޖްގެ ވެރިޔާ އިބްރާހިމް އިސްމާއީލް (އިބްރާ) ފުލުހުންގެ ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރަން ސިވިލް ކޯޓުން އަމުރު ކޮށްފިއެވެ.
ސިވިލް ކޯޓުން ނެރުނު މި އަމުރުގައި ސޮއިކޮށްފައި ވަނީ ގާޒީ މަރިޔަމް ވަހީދާއެވެ. އެ އަމުރުގައި ބުނެފައި ވަނީ އެ ކޯޓުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ކޯޓަށް ހާޒިރުކުރަން ފޮނުވާ ޗިޓާ އިބްރާހިމް އިސްމާއީލް ހަވާލުވެވަޑައިގެންފައި ނުވާތީ ކޯޓަށް ހާޒިރު ކުރެވިފައިނުވާ ކަމަށެވެ. އަދި މި މަހުގެ ހަތަރު ވަނަ ދުވަހު 1:45 އަށް އިބްރާ ކޯޓަށް ހާޒިރުކޮށް ދިނުމަށް ފުލުހުންގެ މައްޗަށް އަމުރުކުރާ ކަމަށް އެ އަމުރުގައި ބުނެފައި ވެއެވެ.
ކޯޓްގެ ޗިޓާއެކު އިބްރާ ކުރި ޓްވީޓެއްގައި އޭނާ ވިދާޅުވީ، ކޯޓުން ޗިޓެއް ހިފައިގެން އެގެއަށް އައިސްފައިނުވާ ކަމަށާއި މިދިޔަ މަސް ދުވަހު އެކި މައްސަލަތަކުގައި އެތައް ފަހަރަކު ކޯޓަށް ވަޑައިގެންފައި ވާނެ ކަމަށެވެ. އަދި ކޯޓުން އެތައް ޗިޓެއް މެއިލް އަދި ވައިބާއިން ފޮނުވާ ކަމަށާއި މީގެ ދެ ރެއެއް ކުރިން ވެސް ޗިޓެއް ފޮނުވާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން އިބްރާ ވިދާލުވީ ގާނޫނު އަސާށީ ވިއްކާލާފައިވާ ކަމަށާއި ޖޭއެސްސީގެ ބާރު ވެސް އެނގިވަޑައިގަންނަވާ ކަމަށެވެ. އަދި އެމްޑީޕީން އަދުލުއިންސާފު ގާއިމުކުރާ ގޮތަކީ މިއީ ކަމަށާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ޓެގް ކުރައްވާ "ތިޔަ ވަރެއް ނެތް" ކަމަށް ވެސް އިބްރާ ކުރެއްވި ޓްވީޓުގައި ވިދާޅުވެފައި ވެއެވެ.
ސިވިލް ކޯޓުން އިބްރާ ކޯޓަށް ހާޒިރު ކުރަނީ އޭނާ ހިއްސާވާ ކުންފުންޏަކާ ގުޅޭގޮތުން ބަލަމުންދާ މައްސަލައަކާ ގުޅިގެންނެވެ. އިބްރާއަކީ މައްސަލަ ރައްދުވާ ކުންފުނީގެ ޑިރެކްޓަރެކެވެ.