ކޮވިޑް-19 މާލެ ސަރަހައްދުގައި ފެތުރެމުންދާތީ، މާލެ ވިލިމާލެ އަދި ހުޅުމާލެ ހިމެނޭ ސަރަހައްދުގައި އިއުލާން ކުރި ކާފިއު އުވާލި ނަމަވެސް ބައެއް ފިލަވަޅުތަކަށް އަދިވެސް ބަދަލު އައިސްފައިނުވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
އެގޮތުން އެއްވެސް ވަގުތެއްގައި އެއްފަހަރާ 5 މީހުންނަށް ވުރެ ގިނަ މީހުން މަގުމަތީގައި އެއްވެ އުޅުން މަނާ ވާނެ ކަމަށާ ހާއްސަ ހުއްދައިގެ ދަށުން ޒަރޫރީ ބޭނުންތަކަށް މާލެ ސަރަހައްދުން ރަށްރަށަށް ދާ ފަރާތްތަކުން ދަތުރުކުރުމުގެ 72 ގަޑިއިރުގެ ތެރޭގައި ހަދައިފައިވާ ނެގެޓިވް ޕީސީއާރު ޓެސްޓު އޮންނަން ޖެހޭނެ ކަމަށް ވެސް އެޗްޕީއޭއިން ވަނީ ބުނެފައެވެ.
އޭގެ އިތުރުން ޕާޓީތަކާއި، ހަފްލާތަކާއި، ރަސްމިއްޔާތުތައް ބޭއްވުމަށް ވެސް ހުއްދަ ދީފައެއް ނުވެއެވެ.
އަދި މާލެ ސަރަހައްދުން ރާއްޖޭގެ އެހެނިހެން ރަށްރަށަށް ދަތުރުކުރާ ފަރާތްތައް ކަރަންޓީނު ވާން ޖެހެއެވެ. އަދި ފަތުރުވެރިން ފިޔަވާ، ރާއްޖެއިން ބޭރުން އަންނަ ފަރާތްތައް 10 ދުވަހުގެ މުއްދަތަށް ކަރަންޓީނު ކުރަން ޖެހޭ އުސޫލަށް ވެސް ބަދަލެއް ނާދެއެވެ.
އެޗްޕީއޭއިން ވަނީ މާލެ ސަރަހައްދުގައި ރޭގަނޑު 11:00 އިން ފެށިގެން ފަތިހު 4:00 އަށް މަގުމައްޗާއި އާންމު ތަންތަނަށް ނުކުތުން މަނާކުރުން ބާތިލްކޮށްފައެވެ. އަދި ސިނަމާތަކާއި ފިލްމު ތިއޭޓަރުތައް ހުޅުވުމުގެ ހުއްދަ އާއި ކާބޯތަކެތީގެ ހިދުމަތް ދޭ ތަންތަން، އެކަމާގުޅޭ އިދާރާތަކުން ކަނޑައަޅާ ގޮތެއްގެ މަތީން ހުޅުވުމުގެ ހުއްދަ ވަނީ ދީފައެވެ.
ހަމައެހެންމެ ދުވުމަށް ހާއްސަ ކޮށްފައިވާ ޓްރެކްތައް ވެސް ވަނީ ހުޅުވާފައެވެ. އަދި ޔުނިވާސިޓީތަކާއި ކޮލެޖުތަކަށް ދަރިވަރުން ހާޒިރުވެގެން ކުލާސްތައް ކުރިޔަށް ގެންދިޔުން ވެސް މިވަނީ ހުޅުވާލާފައެވެ.
އޭގެ އިތުރުން އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް ޖިމްތަކުގައި ކަސްރަތު ކުލާސްތައް ކުރިއަށް ގެންދިއުމަށާއި އެޗްޕީއޭއިން ކަނޑައަޅައިފައިވާ ގައިޑްލައިންތަކާ އެއްގޮތަށް، ޑޭ ކެއާގެ ހިދުމަތް ދޭ ތަންތަނުން ދެމުންގެންދާ ހިދުމަތް ދިނުމަށް ވެސް ވަނީ ހުޅުވާލާފައެވެ. އަދި މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ކަނޑައަޅާ ގޮތެއްގެ މަތީން، ރައްކައުތެރިކަމުގެ ފިޔަވަޅުތަކާއެކު ޕްރީސްކޫލް ތަކާއި، ނާސާރީތަކުގައި ކިޔަވައިދިނުން ހުޅުވާލާފައެވެ.