މިއަހަރުގެ ދެވަނަ ކުއާޓަރުގައި އިގްތިސޯދީ ގޮތުން ރާއްޖެއަށް ކުރިއެރުންތަކެއް ފެންނާނެ ކަމަށް ކުރައްވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ވިދާޅުވެއްޖެއެވެ.

މިހާރު ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، މި އަހަރުގެ ފުތަރަމަ ކުއާޓާ ނިމިގެން ދިޔަ އިރު މިދިޔަ އަހަރު އަންދާޒާ ކުރި ވަރަށް ވުރެ ބޮޑަށް އިގްތިސޯދީ ގޮތުން ބޮޑެތި ކުރިއެރުންތަކެއް ފެންނަމުން ދާ ކަމަށެވެ. އެހެންކަމުން މި އަހަރުގެ ދެވަނަ ކުއާޓާ ގައި މިއަށް ވިރެ ބޮދު ކުރިއެރުންތަކެއް ފެނިގެން ދާނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

ރާއްޖޭގެ އިގްތިސޯދީ ހާލަތާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން މަބްރޫކް ވިދާޅުވީ، ކޮވިޑް ބަލިމަޑުކަން ފެތުރެން ފެށުމާ ގުޅިގެން މިދިޔަ އަހަރު މުޅި ދުނިޔެއަށާއި ރާއްޖެއަށް ވެސް ވަރަށް ބޮޑު ދަތިތަކެއް ކުރިމަތީލާން ޖެހުނު ކަމަށެވެ. އެގޮތުން އިގްތިސޯދު ވަނީ މިދިޔަ އަހަރު ނިމުނު އިރު 26 ޕަސެންޓާއި 29 ޕަސެންޓާ ދެމެދު ދަށަށް ގޮސްފައިވާ ކަމަށް ފިނޭންސް މިނިސްޓަރާ ހަވާލާދީ މަބްރޫކް ވިދާޅުވިއެވެ.

ނަމަވެސް މިހާރު އިގްތިސޯދީ ގޮތުން ރިކަވަރީއަކަށް ރާއްޖެ ދާ ކަން ފާހަގަ ކުރައްވަމުން މަބްރޫކް ވިދާޅުވީ މިހާރު ރާއްޖޭގެ ޓޫރިޒަމް ކުރިއަށްދާ ސްޕީޑް ހީކުރި ވަރަށް ވެސް ހަލުވިކޮށް ކުރިއަށް ދާ ކަމަށާއި މިހާރުވެސް 70 ޕަސެންޓް އެނދު ހުރީ އޮޕަރޭޝަންގައި ކަމަށެވެ. އަދި މި މާޗް މަސް ނިންމާލީ 1 ލައްކަ އަށް ވުރެ ގިނަ ފަތުރުވެރިން އައިސްގެން ކަމަށް ވެސް މަބްރޫކް ފާހަގަ ކުރެއްވިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކަށް ބަލާއިރު ބޯޑަރު ހުޅުވާލިފަހުން އެއް ދުވަހެއްގައި އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައީ މިމަހުގެ 26 ވަނަ ދުވަހުއެވެ. އެ ދުވަހު 5،516 ފަތުރުވެރިން ވަނީ އައިސްފައެވެ.