ކޮވިޑް-19 އަށް ޓެސްޓް ކުރަން މިހާރު ނަގާފައިވާ ގިނަ އަދަދެއްގެ ސާމްޕަލް ޓެސްޓް ނުކުރެވި، އުފެދިފައިވާ ބެކްލޮގް ކުރިއަށް އޮތް ދެ ދުވަހެއްގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ހެލްތު މިނިސްޓަރު އަހްމަދު ނަސީމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ނަސީމް މިހެން ވިދާޅުވީ، މިއަދު ރައްޔިތުންގެ މަަޖިލީހުގައި ވަޒީރުންނާ ސުވާލު ކުރުމުގެ ވަގުތުގައި މެންބަރަކު ކުރެއްވި ސުވާލަަކަށް ޖަވާބު ދެއްވަމުންނެވެ. ނަސީމް ވިދާޅުވީ، ގިނަ އަދަދެއްގެ މީހުންގެ ސްވޮޕް ނަގާފައި އެބަ ހުރި ކަމަށާއި އޭގެ ތެރެއިން 3،000 ނުވަތަ 4،000 ސާމްޕަލް އަދި ހުރީ ޓެސްޓް ނުކުރެވި ކަމަށެވެ. ނުނިމި ހުރި ސާމްޕަލްތައް ޓެސްޓު ނުކުރެވި ހުރި ސަބަބު ހާމަކުރައްވަމުން ނަސީމް ވިދާޅުވީ، ޓެސްޓް ކުރަން ޖެހޭ މީހުންގެ އަދަދު ގިނަވި އިރު އެކަން ކުރުމުގެ ގާބިލުކަން ނެތީ ކަމަށެވެ.

އެގޮތުން އެކަން ރަނގަޅު ކުރުމަށް ބޭނުންވާ ވަސީލަތްތައް ހޯދުމުގެ މަސައްކަތް ކުރާ ކަމަށާއި އަންނަ އޭޕްރީލް މަހު އެ ތަކެތި ލިބޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އޭރުން މިހާރަށް ވުރެ ރަނގަޅު ވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ދެ ދުވަހެއްގެ ތެރޭގައި މި ކަމަށް ހައްލު ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ރާއްޖޭގައި ކޮވިޑް ފެތިރެމުން އައި އިރު ގިނަ ކޭސްތަކެއް މި އަހަރު ފެށުމާ ހަމައަށް ފެންނަމުން އައީ ހަމަ އެކަނި މާލެއެިން ނެވެ. ނަމަވެސް މި އަހަރުގެ ތިން ވަނަ މަސް ނިނުމަކާ ގާތްވެފަިއ ވާއިރު އަތޮޅުތެރޭގެ ގިނަ ރަށްރަށުން ޕޮޒިޓިވް ކޭސްތައް ފެނި މިހާރުވެސް 15 ރަށް ވަނީ މޮނިޓަރިންގެ ހާލަަތަށް ބަދަލުކޮށްފައެވެ. އަދި އޭގެތެރެއިން ބައެއް ރަށްރަށުން ނަގާފައިވާ ސާމްޕަލް ތަކުގެ ނަތީޖާ ނުލިބެ ލަސް ވުމާ އެކު އެ ރަށްރަށުގެ ކޮވިޑް ހާލަތު އޮތް ގޮތް ބުނެދޭން ނޭނގޭ ކަމަށް އެ ރަށްރަށުގެ ކައުންސިލުތަކުން އަންނަނީ ބުނަމުންނެވެ.

ކޮވިޑް ތޭސްތު ކުރުމަށް ބޭނުންވާ ވަސީލަތްތައް ރާއްޖެއަށް އަންނާނެ ކަމަށް ނަސީމް ވިދާޅުވެފައި ވާއިރު މިއަދު ޗައިނާއިން ހަދިޔާ ކުރި ސިނޯފާމްގެ ވެކްސިންގެ އެއްލައްކަ ޑޯޒް އާ އެކު މެޑިކަލް އިކުއިޕްމަންޓްތަކެއް ރާއްޖެއަށް ގެނެސްފައިވާ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ ވިދާޅުވެފައެވެ. ނަމަވެސް ރާއްޖެއަށް ގެނެސްފައި ވަނީ ކޮން މެޑިކަލް އިކުއިޕްމަންޓްތަކެއް ކަމެއް ޝާހިދު ފާހަގައެއް ނުކުރައްވައެވެ.