ޗައިނާއިން ރާއްޖެއަށް ހަދިޔާ ކުރާ ސިނޯފާމް ވެކްސިންގެ ބާކީ އެއްލައްކަ ޑޯޒް ރާއްޖެ ގެނެސްފިއެވެ.
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ، ޗައިނާއިން ރާއްޖެއށް ހަދިޔާ ކުރާ ސިނޯފާމް ވެކްސިންގެ ބާކީ އެއްލައްކަ ޑޯޒްގެ އިތުރުން ސިއްހީ ހިދުމަތަށް ބޭނުންވާ އިތުރު އިކުއިޕްމަންޓްތައް މިއަދު ރާއްޖެ ގެނެސްފައިވާ ކަމަށެވެ. މިތަކެތި ޗައިނާގެ ބެއިޖިން އިން ރާއްޖެއަށް ގެނެސްފައިވާ މޯލްޑިވިއަން ފްލައިޓެއްގައެވެ.
ޗައިނާއިން އެއްލައްކަ ވެކްސިން ހަދީޔާ ކުރުމާ ގުޅިގެން ޝާހިދު ވަނީ ޗައިނާ ސަރުކާރަށާއި އެ ގައުމުގެ ރައްޔިތުން ރާއްޖޭގައި ކޮވިޑް އިން ރައްކާތެރިވުމަށް ކުރިއަށް ގެންދަ ވެކްސިން ކެމްޕޭނުގައި ވެދޭ އެހީތެރިކަން ފާހަގަ ކުރައްވާފައެވެ. އަދި މި ކަމާ ގުޅިގެން ޗައިނާއިން ރާއްޖެ ކަނޑައަޅާފައި ހުންނަވާ ސަފީރު ޖަންގް ލިޒޯންގްއަށް ހާއްސަ ޝުކުރެއް ޝަހީދު އަދާ ކުރެއްވިއެވެ.
ޗައިނާ އިން ވަނީ ރާއްޖެއަށް ދެ ލައްކަ ޑޯޒްގެ ސިނޯފާމް ވެކްސިން ހަދިޔާ ކޮށްފައެވެ. އޭގެތެރެއިން ފުރަތަމަ ބެޗު ރާއްޖެ ގެނެސްފައި ވަނީ މަހުގެ 24 ވަނަ ދުވަހުގެ ރޭއެވެ. އަދި މީގެ އިތުރުން ހެޔޮއެދޭ ފަރާތަކުން ސިނޯފާމް ވެކްސިންގެ 5000 ޑޯޒް ވަނީ ހަދިޔާ ކޮށްފައެވެ. އެ ވެކްސިން ޖެހުމުގެ ހުއްދަ ވަނީ މި މަހުގެ 14 ވަނަ ދުވަހު ދީފައެވެ. އަދި އެ ވެކްސިން ރާއްޖޭގައި ފުރަތަމަ ދޭން ފެށީ މިމަހުގެ 22 ވަނަ ދުވަހެވެ.
ޗައިނާގެ ބެއިޖިންގެ ބައޯ އިންސްޓިޓިއުޓް އޮފް ބައޮލޮޖިކަލް ޕްރޮޑަކްޓްސް ކޮމްޕެނީ ލިމިޓެޑުން އުފައްދާފައި ވާ ސިނޯފާމް ވެކްސިނަށް 20 އަށް ވުރެ ގިނަ ގައުމުން ވަނީ ހުއްދަ ދީފައެވެ. ސިނޯފާމް ވެކްސިން ޖެހުމުގެ ހުއްދަ ނުލިބޭ ގްރޫޕްތަކެއް ވެއެވެ. އެއީ އުމުރުން 18 އަހަރު ނުފުރޭ ކުޑަކުދިންނާއި، ކޮވިޑް-19 އަށް މިވަގުތު ޕޮޒިޓިވް ވެފައިވާ މީހުންނާއި، މާބަނޑު މީހުންގެ އިތުރުން ދިފާއީ ނިޒާމް ދަށް ކުރާ ބަލިތައް ހުންނަ މީހުންނާއި އެފަދަ ބޭހެއް ބޭނުން ކުރާ މީހުންނެވެ.