މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަބްދުﷲ ޝާހިދު ޖެނީވާގައި ތިއްބަވާ އެފްރިކާ ގައުމުތަކުގެ ސަފީރުންނާ ވާޗުއަލްކޮށް ބައްދަލުކުރައްވައިފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ ޖެނިވާގައި ގާއިމްވެފައިވާ އެފްރިކަން ގްރޫޕްގެ ރިޔާސަތު ބަލަހައްޓާ ގެބޮންގެ ޕާމަނެންޓް މިޝަންއިން އިންތިޒާމުކޮށް އިއްޔެ ބޭއްވި އެ ބައްދަލުވުމުގައި ޖެނިވާގައި ހުންނަ އދ. އޮފީހާއި އެހެނިހެން ބައިނަލްއަގުވާމީ ޖަމިއްޔާތަކަށް ކަނޑައަޅާފައި ތިއްބަވާ އެފްރިކަން ޔޫނިއަން މެންބަރު ގައުމުތަކުގެ ދާއިމީ މަންދޫބުން ބައިވެރިވެފައިވާ ކަމަށެވެ.

އެ ބައްދަލުވުމުގައި މިނިސްޓަރު ޝާހިދު ވަނީ ދިވެހިރާއްޖެއާއި އެފްރިކާ ގައުމުތަކާ ގުޅުން ހުރި ބައިނަލްއަގުވާމީ މައްސަލަތަކުގެ ތެރެއިން ދެމެހެއްޓެނިވި ތަރައްގީއާއި، މޫސުމީ ބަދަލުތަކާ ދެކޮޅަށް ކުރާ މަސައްކަތާއި، ތަރައްގީއަށް ބޭނުންވާ ފައިސާ ހޯދުމާބެހޭގޮތުގެ މައްޗަށް އަލިއަޅުވާލާފައެވެ.

އަދި ކޮވިޑް-19 ގެ ސަބަބުން އެކި ގައުމުތަކަށް ދިމާވެފައިހުރި ދަތިތައް ފާހަގަކުރައްވާ، ދެމެހެއްޓެނިވި ގޮތެއްގައި ކޮވިޑުން އަރައިގަތުމާއި ބެހޭގޮތުން މިނިސްޓަރު ޝާހިދު ވާހަކަ ދެއްކެވިއެވެ.

މީގެ އިތުރުން، އެފްރިކާ ގްރޫޕްގެ ސަފީރުންނާ ބައްދަލުކޮށްލައްވަން ދެއްވި ފުރުސަތަށް ޝުކުރު ދަންނަވައި، މަލްޓިލޭޓަރަލް ސިސްޓަމާއި ބައިނަލްއަގުވާމީ ގުޅުން ބަދަހިކުރަން އެންމެން ގުޅިގެން މަސައްކަތްކުރުމުގެ މުހިއްމުކަން މިނިސްޓަރު ޝާހިދު ފާހަގަކުރެއްވިއެވެ.