ގދ. ތިނަދޫގައި ސަރުކާރުން ގާއިމްކޮށްފައިވާ ސޭފް ހޯމްގައި ކުޑަކުދިން ތަޅުންމަތީ ނިދަންޖެހޭ ކަމަށް ބުނާ މައްސަލާގައި ޖެންޑާ މިނިސްޓްރީން ޖަވާބުދާރީ ވެއްޖެއެވެ.
މީޑިއާގައި ދައުރުވަމުންދާ ފޮޓޯއަކާ އެކު ތިނަދޫގައި ހުންނަ ސޭފް ހޯމްގައި ކުޑަކުދިން ބިންމަތީގައި ނިދަންޖެހޭ ކަމަށް ރިޕޯޓްކޮށްފައި ވާތީ، އެކަމާ ގުޅިގެން ޖެންޑާ މިނިސްޓްރީން ބުނީ އެ ފޮޓޯއިން ފެންނަ މަންޒަރަކީ އެތަނުގައި އުޅޭ ކުއްޖަކު އެއްރެއަކު ކުރި ކަމެއް ކަމަށާއި އެ ކުއްޖާ ހަމަ އެގަޑީގައި ކޮޓަރިއަށް ގެންގޮސްފައިވާ ކަމަށެވެ.
އެ ފޮޓޯ ނަގާފައިވަނީ ގދ. އެފްސީއެސްސީގައި މަސައްކަތް ކުރާ މުވައްޒަފެއް ކަމަށާއި ނެގި ފޮޓޯ ގދ. އެފްސީއެސްސީގެ ވައިބާ ގުރޫޕުގައި ހިއްސާކޮސްފައިވާ ކަމަށެވެ.
ތިނަދޫގައި ހުންނަ ސޭފް ހޯމްގެ މަރާމާތުގެ މަސައްކަތް ކުރިޔަށް ދާތީ ކުދިން މިހާރު ބައިތިއްބާފައި ވަނީ އޮފީސް އިމާރާތުގެ މަތީގައި ކަމަށާއި އެކުދިންނަށް ބޭނުންވާ އަސާސީ ބޭނުންތައް ވަނީ އެތަނުގައި ފުރިހަމަކޮށްދީ އަދި ކުދިންގެ ރައްކާތެރިކަން ކަށަވަރު ކޮށްފައިވާ ކަމަށް ޖެންޑާއިން ބުނެއެވެ.
އެކަން ރިޕޯޓު ކޮށްފައިވާ ނޫހުގައި އެ ތަނުގައި ކުޑަކުދިންނަށް ބޭނުންވާ ޒަރޫރީ ސާމާނު (ނިދާނެ ގޮދަޑިއާއި ބާލީސް ފަދަ) ފޯރުކޮށް ނުދޭކަމަށް ރިޕޯޓްކޮށްފައިވާތީ ޖެންޑާ މިނިސްޓްރީން ވަނީ އެކަން ދޮގުކޮށްފައެވެ.
އެގޮތުން ކުދިންނަށް ފައިދާ ހުރި ރަނގަޅު ކާނާ ހިމަނައިގެން މެނޫ އެއް ތައްޔާރުކޮށް އެމެނޫ އާ އެއްގޮތަށް ކެއިން ބުއިމުގެ އިންތިޒާމް ހަމަޖައްސާދީފައި ވާނެ ކަމަށާއި ސްކޫލަށް ދިއުމުގެ އެންމެހާ އިންރިޒާމެއްވެސް ހަމަޖައްސާފައި ވާނެ ކަމަށް ޖެންޑާއިން މައުލޫމާތު ދެއެވެ.
އެ ތަނުގައި ތިބޭ ކުޑަކުދިންނަށް ބޭނުންވާ ފަރުނީޗަރާއި އެހެނިހެން ސާމާނު އެތަނުގައި ނެތްކަމަށް ރިޕޯޓްކޮށްފައިވާ މައްސަލަވެސް މިނިސްޓްރީން ދޮގުކުރެއެވެ.
މިނިސްޓްރީން މި މައްސަލައިގައި ޖަވާބު ދާރީ ވީ ލަހުން ކަން ފާހަގަ ކުރަމެވެ.