ޕާކިސްތާނުގެ ރައީސް އާރިފް އާލްވީ، ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ގެ އާލާސްކަންފުޅާ އުޅުއްވާކަން އިއުލާން ކުރައްވާފައި ވަނިކޮށް، އެ ގައުމުގެ ދިފާއީ ވަޒީރު ޕަރުވޭޒް ހައްތާކުވެސް ކޮވިޑަށް ޕޮޒިޓިވްވެފައި ވާ ކަން އިއުލާން ކުރައްވައިފިއެވެ.

ކޮވިޑަށް ޕޮޒިޓިވްވެފައި ވާ ކަން އިއުލާން ކުރައްވަމުން ދިފާއި ވަޒީރު ވަނީ، ކޮވިޑްގެ 3 ވަނަ ރާޅާ މެދު ހުރިހާ އެންމެންވެސް ސީރިއަސް ވާން ޖެހޭ ކަމަށް ވިދާޅުވެފައެވެ.

ކޮވިޑް-19 އިން ދިފާއުވެވަޑައިގަތުމަށް ވެކްސިންގެ ފުރަތަމަ ޑޯޒް ޖައްސަވާފައި ވަނިކޮށް ރައީސް އާލްވީ ކޮވިޑަށް ޕޮޒިޓިވްވެވަޑައިގެންނެވި ކަން އިއުލާން ކުރެއްވީ ހޯމަ ދުވަހުއެވެ. މީގެ ހަފުތާއެއްހާ ދުވަސް ކުރިން، ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ހާންވެސް ވަނީ، ކޮވިޑަށް ޕޮޒިޓިވްވެވަޑައިގެންފައެވެ. އިމްރާންވެސް ކޮވިޑަށް ޕޮޒިޓިވްވެވަޑައިގަތީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖައްސަވާފައި ވަނިކޮށެވެ.

މި ދަނޑިވަޅަކީ ޕާކިސްތާނުގައި ހަލުވިކަމާއެކު ކޮވިޑް ފެތުރެމުން އަންނަ ދަނޑިވަޅެކެވެ. ޕާކިސްތާނުން ބަލި ޖެހުނު މީހުންގެ އަދަދު 650000 އަށް ވުރެ މައްޗަށް އަރާފައި ވާއިރު، މަރުވި މީހުންގެ އަދަދު 14000 އަށް ވުރެ މައްޗަށް އަރައެވެ.

ޕާކިސްތާނުގެ ސަރުކާރުގެ އިސްވެރިންތަކެއް ކޮވިޑްގެ އާލާސްކަންފުޅާ އުޅުއްވާއިރު، އެ ސަރުކާރުން ދަނީ، ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް ހަރުކަށި ފިޔަވަޅުތަކެއް ތަންފީޒު ކުރުމުގެ މަސައްކަތް ކުރަމުން ކަމަށް ހަބަރު ލިބެއެވެ.